”ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ“ މި ޝިޢާރަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ޤައުމީ އަހައްމިއްޔަތުތަކާއި ބައިނަލްއަޤްވާމީ އުއްމީދުތަކާ ގުޅިލާމެހިފައިވާ ޝިޢާރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޝިޢާރުން އިޝާރާތްކުރަނީ އިޤްތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއްހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހު ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ލިބިފައިވާ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް، ސެކްޓަރތަކުގެ މެދުގައްޔާއި ސިޔާސަތުތައް އެކުލަވާލުމުގައި އެއްބާރުލުން އިތުރުކޮށްގެންނާއި މަޝްވަރާ އިސްކޮށްގެން އެކުގައި ކުރާ މަސައްކަތުން އިޖުތިމާޢީ އަދާލަތު ކުރިއަރުވައި ތަމަންދުން ހިއްސާކުރުމަށެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދީ ކުރިއެރުމަށް އުންމީދުކުރާ އިސްލާހުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ. މިގޮތުން ރަސްމާލެ މަޝްރޫޢު ވެގެންދާނީ ފުރަތަމަ އިކޯ-ސިޓީއަށް ކަމަށާއި، އެއީ ގެދޮރުވެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޯ-ކާބަން އިކޮނޮމީއަކަށް ވާޞިލުވުމަށް ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނެއެވެ. އެގޮތުން ރާއްޖޭގެ އެނަރޖީ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިޤްތިޞާދީ، އިޖުތިމާޢީ، ތަޢުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.