ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭ ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަޅުތެޔޮ ޖެހި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ ދާންދޫ ސަންލައިޓްވިލާ އަޙްމަދު ރިޝްމާހުއެވެ. އޭނާގެ އުމުރަކީ 20 އަހަރެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

