މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމުގެ ކުށުގެ ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އޭނާ ބަންދުކުރީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ދަމަހައްޓައިފިއެވެ.
ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން ދެ މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރި މައްސަލައެވެ. ދެވަނަ މައްސަލައަކީ ޝަރީއަތް ނިމެންދެން ކުރި އަމުރާގުޅޭ މައްސަލައެވެ.
މި މައްސަލަތަކާ އަޑުއެހުންތައް މީގެ ކުރިން ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ގޮތް ނިންމުމެވެ. އެގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ޝަމްއާންގެ ވަކީލު ވިދާޅުވީ، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ ހަމައެކަނި ހެކިންނަށް ނުފޫޒު ފޯރުވާނެކަމަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް، އޭނާ ބަންދުކުރިއިރު، ހެކިންނަށް ނުފޫޒުފޯރުވާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއްވެސް ނެތްކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
ޝަމްއާން މަގާމުން ކުއްލި ގޮތަކަށް ވަކި ކުރީ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގަވައިދާ ހިލާފަށް އޮޕަރޭޝަނެއް ހިންގައި ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު އެ ބިދޭސީންތައް ގެންދިޔުމަށް ފަހު ހިނގި ކަންތަކާއި ގުޅުވައެވެ.
ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ ޑިޕާޓްމަންގައި ނުހިމެނޭ އޮފިސަރުންތަކެއް ކުރި އެ ރެއިޑުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ރެއިޑުން ހިފެހެއްޓި ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީ މިހާ ދޫކޮށްލީ ފުލުހުން ބުނި ގޮތުގައި ޝަމްއާންގެ އެންގުމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
ޝަމްއާން ދިރިއުޅޭ ގެއިން ވެސް ބައި މިލިއަނެއްހާ ރުފިޔާއާއި، ޑޮލަރު ފެނުނުކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން ވަނީ ޝަމްއާންގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފަ އެވެ.

