ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި ރޭ ބޭއްވި ފުރަމާނަ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ފުންނާބު އުސް ގުޅުމެކެވެ. އަދި މި ގުޅުމަކީ ހިއްސާކުރެވޭ ތާރީޚާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ސިޔާސީ ގުޅުމެކެވެ.
ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ދައްކުވައިދޭ ގާތްކަމާއި މެހެމާންދާރީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ ދިވެހީންގެ ހިތްތަކުގައި އަބަދުމެ ދެމިހުންނާނެ އަސަރުތަކެއް ކަމުގައެވެ. އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީ އަދި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމަށް ދެ ޤައުމުން ކުރެވުނު މަޝްވަރާތަކަކީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާތަކެކެވެ. އަދި ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެއް އަމާޒެއްގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްރީލަންކާއާ ގުޅިގެން އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށާއި، ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި، ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެ ކަމަށެވެ.

