ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގެއް ހިންގަން ފަށައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ މައްސަލައެއް އޭސީސީން ތަހުގީގުކުރަން ފެށުމާއިއެކު ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، އޭނާއަށްވެސް އާދިއްތަ ދުވަހުގެ ވަގުތެއްގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާކަމަށެވެ.
އަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވީ އަމާނާތްތެރިކަމާއި ތެދުވެރިކަންމަތީގައިކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފާފައިނުވާނެކަމަށް ވެސް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ވަޒީރުކަމުގައި ކޮންމެ ކަމެއްގައިވެސް ލަފާ ދީފައިވާނީ ލިބިދާނެ ބޮޑު ގެއްލުކަމުން ގައުމު ސަލާމަތްކޮށް ފައިދާވާނެ ގޮތަށްކަމަށެވެ.
އަމީރު ވިދާޅުވީ، އެކަން ޔަގީންވެވަޑައިގަންނަވާކަމަށާއި އެހެންކަމުން އާސީސީގެ ރައީސްއާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރުން ހުއްޓާލުމަށް ގޮވާލާކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންކަމުގައި އެކި އިދާރާތަކަށް ގެންގޮސް ބިރުދައްކަން އުޅުނަސް ކާމިޔާބު ނުވާނެކަމަށެވެ.
އަމީރު ވިދާޅުވީ، ބޯ ގުދުކުރަނީ ހަމައެކަނި ހެއްދެވި ފަރާތަށްކަމަށެވެ. އެހެންކަމުން ހުދުމުހުތާރު ވެރިއެއްގެ ކުރިމަތީގައި ބޯނުލަނބާނަންކަމަށާއި އަޅާނެ ފިޔަވަޅެއް އަޅަންވީކަމަށެވެ.

