އައްޑޫސިޓީ ހިތަދޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތު ލެބު ހިންގާނީ އައިޖީއެމްއެޗާއި ގުޅިގެން ކަމަށް ނިންމައިފިއެވެ.
މިދިޔަ އަހަރު އޮކްޓޯބަރުމަހު ހިދުމަތް ފަށަން މަސައްކަތްކުރި ހިތަދޫ ކެތު ލެބު، އެންމެ ފުރަތަމަ ހިންގަން މަސައްކަތްކޮށްފައިވަނީ އައުޓްސޯސް ކޮށްގެނެވެ. މިކަން ކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކޮށްފައިވާއިރު، ރާއްޖެއާއި ރާއްޖޭން ބޭރުގެ 7 ފަރާތަކުން ކުރިމަތިލާފައި ވެއެވެ.
ނަމަވެސް މި ފުރުސަތު ވަނީ ފައިނަލް ޕްރޮޮޕޯޒަލްއެއް ހުށައަޅަން ދިން މުއްދަތުގައި ހުށަނޭޅުމުގެ ސަބަބުން ކެންސަލް ވެފައެވެ.
މިކަމުގެ ސަބަބުން މުޅިން އައު މޮޑެލްއަކަށް މި ކެތުލެބު ހިންގުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ސީއީއޯ ޑރ. އިބްރާހިމް ޔާސިރު ނިމިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން ޔާސިރު ވިދާޅުވެފައިވާ ގޮތުގައި މި ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ.
އައްޑޫގައި މި ލެބު ގާއިމްކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭގެ ފަހުން އެ ތަން ބޭނުންކުރެވެން އެ ފަށަނީ ދޮޅު އަހަަރު ފަހުންނެވެ.

