ކޮރޯނާ ވައިރަހާއި ގުޅިގެން، ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވާތީ، ދަތުރުފަތުރުކުރުން މަދުކުރުމުގެ ގޮތުން ވިސާއާކުރާއިރު މެޑިކަލް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ގޮތުން، ޢަންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މުއްދަތުގެތެރޭގައި ވޯކް ވިސާއާއި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއިނުލައި ވިސާދޫކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް، އަލަށް ވޯކް ވިސާއާއި އެހެނިހެން ވިސާތަކަށް ހުށަހަޅާއިރު، މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ އެއްމަސް ދުވަހަށެވެ. ހަމައެއާއެކު މިހާރު މިވަނީ ކޮރޯނާއާއި ގުޅިގެން އެތައްތަނެއް ބަންދުކޮށް މީހުން އެއްވެއުޅުން މަނާކޮށްފައެވެ.

