ދިވެހިރާއްޖޭގައި ކިޑްނީ ޑައިލަސިސް ހަދާ 300އަށް ވުރެ ގިނަ ބަލި މީހުން އެބަތިބި ކަމަށާއި އެމީހުންނަށް ޓްރާންސްޕްލާންޓުގެ ފަރުވާ މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލުން ނުލިބެނީ ސަރުކާރުން ހަތް މަސް ދުވަހުގެ މަަސައްކަތައް ފަހު ކިޑްނީ ޓްރާންސަޕްލާޓް ބިލް ފާސްނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް މުހަމްމަދު (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ދިވެހިރާއްޖޭގެ ގާނޫން އަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސްލްޖުމްހޫރިއްޔާ ފޮނުވުމާއި ގުޅިގެން އެ ގަރާރަށް ބަހުސްކުރައްމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ކުޑޫ ފާހަގަކުރެއްވި ގޮތުގައި، މި ބިލުގެ މަސައްކަތަކީ މިދިޔަ އަހަރު ފެށިގެން ކުރިއަށްދާ މަސައްކަތެކެވެ. އަދި ބިލާ ގުޅޭގޮތުން ތަފާތު އެކި މަރުހަލާތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސްވެރިން ފޯނުން ގުޅުއްވައި، ބިލުގައި ހުރި ރަނގަޅު ކަންކަމާއި އިތުރަށް އިސްލާހުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވައި، ބިލުގެ މުހިންމުކަން ގަބޫލުކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާ ގިނަ މަޝްވަރާތަކެއް ކުރެވި، ބިލާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައި ވަނިކޮށް، ބިލު ހިފެހެއްޓުމަށްފަހު އަނބުރާ މަޖިލީހަށް ފޮނުވާލައި، އެންމެ ފަހުން ބިލު ބޭރުކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
”7 މަސް ދުވަހުން މީތި ނިމުނީ، ދިވެހިރާއްޖޭގައި މިވަގުތު އެބަތިބި ކިޑްނީގެ ޑައިލަސިސް ހަދާ 300 މީހުން. އަޅުގަނޑުމެން ހަމަ ކޮންމެ ދުވަހަކު މިތަނަށް ތެދުވެ މި ބުނަނީ އަޅުގަނގުމެން ރައްޔިތުންގެ އިހުސާސްތަށް އިނގެޔޭ އޭއްޗެކޭ މީއްޗެކޭ. އެކަމެއް ނުވިއެއްނޫންތޯ؟“ – ކުޑޫ
އެ ބިލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޑްނީ ފޭލްވެފައިވާ 300 އެއްހާ ބަލިމީހުން ޑަޔަލިސިސްގެ އެހީގައި ފުރާނަ ސަލާމަތްކުރަމުންދާ ކަމަށެވެ. އަދި އެ ބަލިމީހުން ދާއިމީ ހައްލަކަށް އިންތިޒާރު ކުރަމުންދާއިރު، އެމީހުން އުފުލަމުންދާ ތަކުލީފުތަކަށް ސަރުކާރުން އަޅާލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ކުޑޫ ސުވާލު އުފެއްދެވީ، ކުރިން ތާއީދު ލިބިފައިވާ ބިލެއް މިހާލަތުގައި ބޭރުކޮށްލަން ޖެހުނު ސަބަބާ މެދުގައެވެ. ހާއްސަކޮށް، ދިވެހި ގިނަ ރައްޔިތުންތަކެއް ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާވުމަށް އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތްކަން ފާހަގަކުރައްވައި، ކުޑޫ ވިދާޅުވީ ބިލާ މެދު އަމަލުކުރި ގޮތުން ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ޖަވާބުދާރީވާނެ ފަރާތެއް ނެތް ކަމަށެވެ.
ގުނަވަން ބަދަލުކުރުމާ ބެހޭ ބިލަކީ ރާއްޖޭގައި ގުނަވަން ހަދިޔާކުރުމާއި ބަދަލުކުރުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށް ހުށަހެޅުނު ބިލެކެވެ. އެ ބިލު ފާސްކުރުމަށްފަހު ތަސްދީގުކުރަން ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލުގައި އިސްލާހުކުރަން ހުރި ބައެއް ކަންތައްތައް ފާހަގަކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވީއެވެ.

