މާލޭ ސަރަހައްދު ތޮއްޖެހުމުން ދަނީ އަތޮޅު ތެރޭގައި އެކަށީގެންވާ ވަރަށް ސޯޝަލް ހައުސިންގ މަޝްރޫއުތައް ނުހިންގޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިހެން ވިދާޅުވީ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ, ރާއްޖޭގެ ވެރިކަން ކުރާ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްރަށް ކަމުގައިވާ އައްޑު, ތިނަދޫ ފުވައްމުލަކު ފަދަ ރަށްރަށުގައި ބޯހިޔާވަހި ކަމަށް ސަރުކާރުތަކުން ދޭންޖެހޭ ވަރަށް އަހައްމިޔަތުކަން ދީފައި ނުވާކަމަށެވެ.
އެގޮތުން ރަށްރަށުގެ ބަދަލުގައި ކޮންމެ ސަރުކާރަކުންވެސް ގްރޭޓަރ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ ސަބަބުން މާލެ ސަރަހައްދު ތޮއްޖެހޭ ކަމުގައި ސޯބެ ވިދާޅުވިއެވެ.
އެހެން ސަރުކާރުތަކާއި ހިލާފަށް ރައީސް ނަޝީދުގެ ސަރުކާރުގައި މާލެގެ އިތުރުން އެކިއެކި ރަށްރަށުގައި އެކި އަދަދުތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގުނުކަމަށް ސޯބެ ވިދާޅުވިއެވެ.
”ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ, މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑެތި ރަށްރަށް ކަމުގައިވާ އައްޑޫ, ތިނަދޫ ފުވައްމުލަކު ފަދަ ރަށްރަށުގައި ބޯހިޔާވަހި ކަމަށް ސަރުކާރުތަކުން ދޭންޖެހޭ ވަރަށް އަހައްމިޔަތުކަން ދީފައެއް ނުވޭ, އެހެން ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގައި މާލެގެ އިތުރުން އެކިއެކި ރަށްރަށުގައި އެކި އަދަދުތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގުނު،“ ސޯބެ
މިގޮތުން ފޭދޫގައި 25 ފްލެޓް އަދި ހިތަދޫގައި 240 ހުޅުދޫގައި 25 ފްލެޓު އެޅުނުކަމަށް ސޯބެ ވިދާޅުވިއެވެ. އެހެން ނަމަވެސް އައްޑޫގެ ރަށްރަށަށް ކަނޑައެޅުނު 750 ފްލެޓްތަކުގެ ތެރެއިން ދެބައިކުޅައެއްބައި އޭރު މަޖިލީހުގައި ތިއްބެވި އައްޑޫގެ ބައެއް މެމްބަރުން ބޭނުންފުޅުވެގެން ގްރޭޓަރ މާލެ ސަރަހައްދުގައި އެޅުމަށް ބަދަލުކުރެވުނުކަމަށް ސޯބެ ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގ އަކީ ގޯއްޗެއް އޮވެ އެ ގޯތީގައި ގެދޮރު އެޅުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފާހަގަކުރައްވާ ސޯބެ ވިދާޅުވީ، އަތޮޅު ތެރޭގައި ސޯޝަލް ހައުސިންގގެ މަޝްރޫއުތަކެއް ކޮންމެވެސް ވަރަކަށް ހިންގި ނަމަވެސް އެރަށްރަށަށް ބޭނުންވާ ވަރަށް އެ މަޝްރޫތައް ހިންގިފައި ނުވާކަމަށެވެ. މީގެ ސަބަބުން މާލެ ސަރަހައްދު ތޮއްޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސޯބެގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް އަތޮޅު ތެރޭގެ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބުމާ އޭނާ ދެކޮޅު ނޫން ކަމަށެވެ.
”މާލޭން ތަންތަން ލިބިފައި ހުރި ފަރާތްތަކަށް ރަށްރަށުގެ ބޭފުޅުންނަށް ލިބުމަށް އަޅުގަނޑު ދެކޮޅު ހަދަނީކީ ނޫން. ލިބެންވީ ހަމަ“ ސޯބެ
މާލޭގައި ވިއްސަކަށް އަހަރު އުޅެފައި ތިބި ފަރާތްތަކަށް މާލެއިން ބޯހިޔާވަހިކަން ނުލިބި އަތޮޅު ތެރޭގެ ފަރާތްތަކަށް މާލެއިން ބޯހިޔާވަހިކަން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިވެލުއޭޝަން ޕްރޯސެސްގައި ހިނގާފައި ހުރި ނޭއްގާނީ ކަންކަމުގެ ތެރެއިން ހައްގުވެރި ފަރަތަށް ނުލިބި އެހެން ފަރާއްތަކަށް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކުން އެތަންތަނުގައި ނޫޅެ އެހެން ފަރާތްތަކަށް ކުއްޔަށް ދޭކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސޯޝަލް ހައުސިންގް އަކީ މީހަކު އުޅޭނެ ތަނެއް ނެތިގެން ސަރުކާރުން އެފޯޑަބަލް ކުއްޔެއްގައި ފޯރުކޮށްދޭ ކަމަކަށް ވާއިރު މިފަދަ އަމަލުތައް ހިންގުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެހެން ދިމާވަނީ ސަރުކާރުގެ އިދާރާތަކުން އެފަދަ ސިޔާސަތުތައް ބަލަންވާ މިންވަރަށް ނުބެލޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯބެ އެހެން ވިދާޅުވެފައިވާއިރު މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ދާދި ފަހުން ވަނީ އިއުލާނުކޮށްފައެވެ.
އަދި ގެދޮރުވެރިކަން ފަހިކޮށްގެން ރަށްރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ މާލެ ސަރަހައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަރބަން ސެންޓަރުތަކެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ ސަރަޙައްދުތަކަށްވެސް ރައްޔިތުންނަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަ ކުރެވެއެވެ.

