ހުޅުމާލެ ފޭސް 2 ގެ 110 ވަނަ ފްލެޓްގެ އެޕާޓްމަންޓެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ.
މި ހާދިސާގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް އާއިލާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހިފައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 1:07 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ފަރާތުން ލިބުނު ފުރަތަމަ މައުލޫމާތަށް ބަލާއިރު، މި އަލިފާން ރޯވާން މެދުވެރިވީ އެޕާޓްމަންޓްގެ ސިިޓިންގ ރޫމުގައި ހުރި ”ޓޫލް މެލްޓިންގ“ މެޝިނެއް (އާލާތްތައް ވިރުވުމަށް ބޭނުންކުރާ ސާމާނެއް) ގެ ސަބަބުން ކަމަށް ބެލެވެއެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލިފާން ރޯވި އެޕާޓްމަންޓުގައި ހަތް ދިވެހީން ދިރިއުޅެމުންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެނުންނާއި، އަންހެނަކާއި، 18 އަހަރު ނުފުރޭ ދެ ކުދިންނެވެ. އެއީ އެއް އަހަރުގެ ކުއްޖަކާއި އެއް މަހުގެ ތުއްތު ކުއްޖެކެވެ.
މި ހާދިސާގައި އަނިޔާވި ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އޭގެ ތެރެއިން އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިިހިފައިވާ ކަމަށް އެން.ޑީ.އެމް.އޭ އިން ބުނެފައިވެއެވެ. މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި މީހަކަށްވެސް ވަނީ ފަރުވާދީފައެވެ.
ފުލުހުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، މިހާރުވެސް ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ މީހަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލުމުގެ ނިޒާމަށް މައްސަލަ ދިމާވި މީހެކެވެ.
މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރު ވެފައެވެ. އެން.ޑީ.އެމް.އޭ އިން ދަނީ އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށްވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށް، ވަގުތީ ގޮތުން ދިރިނޫޅެވޭ ވަރަށް ވަނީ ގެއްލުންވެފައެވެ. އެހެންކަމުން، އެ ދެ އެޕާޓްމަންޓުގައި ދިރިއުޅޭ ހަ މީހުންނާއި ދެ ކުޑަކުދިންނަށް ވެސް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 15 މީހަކަށް ސަރުކާރުގެ ފަރާތުން ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދިއުމުގެ އިތުރުން، ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

