އަވަށްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް ކާބޯތަކެތި ހިފައިގެން ދަތުރުކުރި ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑިއެފުން މިއަދު ބުނީ، އެ ބޯޓަކީ ރާއްޖެއަށް ފިޔާ އަދި ބިސްހިފައިގެން ދަރުރުކުރަމުންއައި ބޯޓެއްކަމަށާއި، އެ ބޯޓުގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާކަމަށެވެ.
މި ހާދިސާގައި ބޯޓުގައި ތިބީ އިންޑިއާގެ 11 މީހުންކަމަށާއި، މިއިން މީހަކަށް އަނިޔާއެއް ނުލިބޭކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ”އެމްވީ ވީބީ ޕްރޮގްރެސް“ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ރިޕޯޓުކޮށްފައިވަނީ، ހުކުރު ދުވަހުގެރޭ މެންދަމު 12:30 ގައިކަމަށާއި، އެ ވަގުތު އެ ބޯޓު ދަތުރުކުރަމުންއައީ ރާއްޖޭގެ ބޭރު ކަނޑުންކަމަށެވެ.
މިހާރު ބޯޓުގެ ފަޅުވެރިން އިންޖީނު ހެދުމަށްފަހު، ރާއްޖެއަށް ދަތުރުކުރަމުން އަންނަކަމަށާއި، އެ ބޯޓު މާލޭގައި ބަނދަރުކުރާނީ މިއަދު މެންދުރުފަހު 15:00 ކަންހާއިރުކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

