ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި އެ ރެސްޓޯރެންޓުގައި މަސައްކަތްކުރި ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި ހާދިސާ ހިނގީ 2022 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު، އިރު އޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައި ރޯދަ ވީއްލުން ތައްޔާރުކުރަމުން ދިޔަ ވަގުތުގައެވެ. އާބިދުއާއި އެތަނުގައި މަސައްކަތްކުރި ވެއިޓަރު އެމްޑީ ޝަމީމްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އާބިދު ވަޅިން ދިން ހަމަލާއެއްގެ ސަބަބުން އެމްޑީ ޝަމީމް މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ހުރީ ވަޅިން ހަމަލާދީފައިވެއެވެ.
އެ މައްސަލައިގައި އާބިދުގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އާބިދު ވަނީ ދައުވާއަށް އިންކާރުކޮށް، އޭނާ އެކަން ކުރީ ގަސްތުގައި ނޫން ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމި، މިދިޔަ ބުދަ ދުވަހު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އާބިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. މި މައްސަލައިގައި ދެން އޮންނާނީ، އެމްޑީ ޝަމީމްގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.
މި މައްސަލައިގައި ކުށް ސާބިތުކުރަން މަންޒަރު ދުށް ބިދޭސީން ހިމެނޭހެން ދައުލަތުން ހެކިތައް ހުށަހަޅާފައިވާއިރު، އާބިދުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި އާބިދުގެ ބޮލުގައި ޖެހުމުން، ބުރާންތިވެ، އޭނާގެ އަތުގައި އޮތީ ވަޅިއެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި، ވަޅި ހެރުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ވަޅި ހުރާލި ވަގުތު ކަމަށް އޭނާގެ ވަކީލު މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް، ގާޒީގެ ނިންމުމުގައި ވަނީ، އެއީ އޭނާ އަމިއްލައަށް އުފަންކުރި ވާހަކަތަކެއް ކަމަށް ހެކީންގެ ވާހަކަތަކާއި ހާދިސާ ހިނގި ގޮތަށް ބެލުމުން އެނގޭ ކަމަށެވެ.
އެމްޑީ ޝަމީމް މަރުވި ހާދިސާއަށް ފަހު އާބިދު އުޅުނީ ހުޅުމާލޭގައި ފިލައިގެންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެ ރޭ، ދަންވަރު 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

