އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަޒީރުންނަށް 258 ސުވާލު ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ ސުވާލު ފޮނުއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އެންމެ ގިނަ ސުވާލު ފޮނުވި 8 ވަޒީރުންނަށް ފޮނުވި ސުވާލުތަކާ ގުޅޭ ތަފާސްހިސާބުތައް އެކްސްގައި ހިއްސާކުރައްވަމުން ކުޑޫ ވިދާޅުވީ، ޖުމްލަ 258 ސުވާލު ފޮނުވާފައިވާއިރު، އޭގެ ތެރެއިން 180 ސުވާލު އަމާޒުކުރެވިފައިވަނީ އެ 8 ވަޒީރުންނަށް ކަމަށެވެ.
އޭގެ ތެރެއިން ވެސް އެންމެ ގިނަ ސުވާލު ފޮނުވީ ހައުސިން މިނިސްޓަރު މުއްތަލިބަށް ކަމަށް ކުޑޫ ވިދާޅުވިއެވެ. އޭނާއަށް އެކަނި 56 ސުވާލު އެމްޑީޕީގެ މެމްބަރުން ފޮނުއްވިއެވެ.
މުއްތަލިބަށް ފޮނުއްވި 56 ސުވާލުގެ ތެރެއިން 16 ސުވާލަށް ޖަވާބުދެއްވާފައިވާއިރު، 11 ސުވާލަކަށް ޖަވާބުދިނުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި ޖަވާބު ނުދެވި 29 ސުވާލު އެބަ އޮތެވެ.
ދެވަނައަށް އެންމެ ގިނަ ސުވާލު ފޮނުވި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާދެއްވިއިރު، ހުށަހެޅި 26 ސުވާލުގެ ތެރެއިން 25 ސުވާލަށް ޖަވާބު ނުލިބެއެވެ. އަދި އަލަށް އައްޔަންކުރި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް މިހާރު 19 ސުވާލެއް ހުށަހަޅާފައިވާއިރު، އެއިން އެއްވެސް ސުވާލަކަށް އަދި ޖަވާބު ދެއްވާފައި ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް 22 ސުވާލެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން ޖަވާބު ލިބިފައިވަނީ 9 ސުވާލަކަށެވެ. އަދި ދެ ސުވާލަކަށް ޖަވާބުދިނުމުގެ މުއްދަތު ހަމަވެފައިވާއިރު، 11 ސުވާލަކަށް އަދިވެސް ޖަވާބު ނުދެވި އެބަ އޮތެވެ.
ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއަށް 20 ސުވާލުކޮށްފައިވާއިރު ޖަވާބު ދެއްވީ 3 ސުވާލަށެވެ. އަދި ހަތަރު ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު ހަމަވެފައިވާއިރު 13 ސުވާލަކަށް އަދިވެސް ޖަވާބު ދެއްވާފައިނުވެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނަށް 18 ސުވާލު ފޮނުވާފައިވާއިރު، އޭގެ ތެރެއިން ޖަވާބު ދެއްވާފައިވަނީ 12 ސުވާލަށެވެ. އަދި 3 ސުވާލަކަށް ޖަވާބުދެއްވުމުގެ މުއްދަތު ހަމަވެފައިވާއިރު ބާކީ 3 ސުވާލަށް ޖަވާބު އަދި ޖަވާބު ނުދެއްވައި އެބަ އޮތެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް 9 ސުވާލުކޮށްފައިވާއިރު ޖަވާބުދެއްވާފައިވަނީ 5 ސުވާލަކަށެވެ. އެއް ސުވާލަށް ޖަވާބު ދެއްވުމުގެ މުއްދަތު ހަމަވެފައިވާއިރު އިތުރު ތިން ސުވާލެއް ޖަވާބު ނުދެއްވައި އެބަ އޮތެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ވަޒީރުންނަށް ގިނަ އަދަދެއްގެ ސުވާލު ހުށަހެޅި ނަމަވެސް، އެ ސުވާލުތަކާ ގުޅިގެން ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަޒީރުންނާ ކުރާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ނުދެއްވާ ކަމަށާއި، ވަޒީރުން ތައްޔާރުވެގެން އަންނަނީ ޕީއެންސީގެ މެމްބަރުން ކުރާ ސުވާލުތަކާ ގުޅިގެން އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަން ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

