ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި ނަމަވެސް، 10 އަހަރު ތެރޭގައި ކޮންމެ އަތޮޅަކީ ވަކި ސަރުކާރެއް ކަމަށް އެ އަތޮޅުތަކުން ދައުވާކުރާ ހިސާބަށް ގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް އެހެން ވިދާޅުވީ، ކައުންސިލުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބޭރުކުރަން ގޮވާލާ ޕެޓިޝަންގެ ބަހުސްގައެވެ. އެ މައްސަލައިގައި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނާއި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނަށް ބަހުސްކުރުން މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީ ނަންގަވައިގެން ހުންނަވައި، ސަލީމް ފާހަގަކުރެއްވީ ގާނޫނުއަސާސީގައި އޮންނަނީ ދިވެހިރާއްޖެއަކީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމެވެ. އެހެންނަމަވެސް، އެ ޔުނިޓަރީ ދައުލަތުގެ ސިފަ ބަދަލުވާ ގޮތަށް ބައެއް ކައުންސިލްތަކުން އަމަލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ސަލީމް ވިދާޅުވި ގޮތުގައި، ބައެއް ކައުންސިލުތަކަށް ހީވެފައި އޮންނަނީ ތިމަންނާމެންނަކީ ވަކި ސަރުކާރެއް ކަމަށެވެ.
”އެ ޔުނިޓަރީ ދައުލަތް ބަދަލުވާ ކަހަލަ ގޮތަކަށް ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ، އިއްޒަތްތެރި ރައީސް، ތިމަންނާމެން މިއީ ވަކި ސަރުކާރެކޭ. މި ދޭތެރޭގައި ބައެއް ރަށްރަށް ދިޔަ ދެ ރަށެއްގައި މައްސަލަ ޖެހުމުގެ ތެރޭގައި އެއް ރަށުން އަނެެއް ރަށަށް ނޭރޭ ހިސާބަށް ވެސް. ހަމަ ކައުންސިލުތަކުގެ ނުފޫޒުން،“
އޭނާ ވިދާޅުވީ، މިހެން ކަންކަން ދަމުން ގޮސް 10 އަހަރު ފަހުން ކޮންމެ އަތޮޅަކީ ވަކި ސަރުކާރެއް ކަމަށް ދެކި، މައި ސަރުކާރުން ތިމަންނާމެންނަށް ބާރު ނުފޯރުވޭނެ ކަމަށް ބުނަން ފަށާފާނެ ކަމަށެވެ. އެ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށާއި އެއީ އެމްޑީޕީއަކުން ވެސް އެހެން ޕާޓީއަކުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކަންބޮޑުވަނީ މިހެން ދަމުން ދަމުން ގޮސް 10 އަހަރު ތެރޭ ކޮންމެ އަތޮޅެއް ވަކިން ތިމަންނަމެންނަކީ ވަކި އަތޮޅެކޭ، ތިމަންނާމެންނަށް މައި ސަރުކާރުން ބާރެއް ނުފޯރުވޭނެއޭ. މި ހިސާބަށް ކަންކަން ހިނގައިދާނެ،“ ސަލީމް ވިދާޅުވިއެވެ.
އެގޮތަށް، ކަންކަން ވިޔަ ނުދިނުމަށް ޓަކައި އެ ވަގުތަކު ގެންނަން ޖެހޭ ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލުތަކުގެ ބިން އަތުލެވޭ ގޮތަށް ހިމަނާފައިވާއިރު، ސަރުކާރުގެ މަޝްރޫއުއަކާ ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކާ ހިލާފު، ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ހިމެނުމަށް ވެސް ވަނީ ހިމަނައިފައެވެ. އެކަމާ ދެކޮޅަށް އާންމު ފަރާތަކުން ފެށި ޕެޓިޝަނަކީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭ މިންވަރަށް ސޮއި ހަމަވި ފުރަތަމަ ޕެޓިޝަނެވެ،
އެފަހުން، މަޖިލީހުގެ ޕެޓިޝަންތަކާ ބެހޭ ގަވައިދު އިސްލާހުކޮށް، އެއް މައްސަލައެއްގައި އިތުރު ޕެޓިޝަންތައް ހުށަހެޅޭ ގޮތް ހަދައި، އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނެއް ފެށިއިރު އެ ޕެޓިޝަނަށް ވަނީ 10،000 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފައެވެ. އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެ ޕެޓިޝަނުގައި ސޮއިކުރުވަނީ ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ކަމަށެވެ.

