ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
. ރައީސް މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ޒަމާންވީ ގާތްގުޅުމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމް ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، މިހާރު ގުޅިގެން މަސައްކަތް ކުރާ ދާއިރާތައް އިތުރަށް ހަރުދަނާކުރުމާއެކު އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އިޤްތިޞާދީ ގުޅުން ބަދަހިކުރުމުގެ ގޮތުން ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ނިންމާފައިވާއިރު، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ރައީސް ވަނީ ދައުވަތު ދެއްވާފައެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުން އަދި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ރަސްމީ މަޝްވަރާތަކުގައި ވިސާގެ ޚިދުމަތް ފުޅާކުރުމާއި، ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާއި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ހަލާލް ފަތުރުވެރިކަމާއި ސަގާފީ އަދި ދީނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް، އެ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި މެލޭޝިއާއިން އަބަދުވެސް އެކުގައި ވަކާލާތު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

