ރާޢްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އާއި މެލޭޝިއާގެ މަރުކަޒީ ބޭންކާއި ދެމެދު 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެލިސިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިކަން ހާމަކުރެއްވީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ވެރިންގެ ގުޅިފައިވާ ބަޔާނުގައެވެ.
މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ އޮނާސް ކަރަންސީ ސްވޮޕް ފެސިލިޓީއަކަށް ރާއްޖެއިން އެދިފައިވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި ކަމަށާއި އެ ހުށަހެޅުމަށް އަވަސް އިޖާބައެއް ދެއްވާނެ ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ. އަދި ކަރަންސީ ސްވޮޕްގެ އެއްބަސްވުމަކަށް ވަގުތުން އެއްބަސްވެ ވަޑައިގަތީ މެލޭޝިއާއަކީ ރާއްޖޭގެ ގާތް އެކުވެރިއަކަށް ވުމުން ކަމަށް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
ބޮޑުވަޒީރު އަންވަރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މިކޮމިޝަން ދާދި އަވަހަށް އެކުލަވާލެވި ފުރަތަމަ ބައްދަލުވުން މިއަހަރު ނިމުމުގެ ކުރިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދު އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތަކީވެސް ކުރިއަށް ގެންދެވޭނެ މަސައްކަތެއް ކަމަށާއި އަދި އެމްބަސީއަށް ދިމާވާ ދަތިތައްވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ޖޮއިންޓު ކޮމިޝަނެއް އެކުލަވާލާ، މިއަހަރު ނިމުމުގެ ކުރިން އެ ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން މެލޭޝިއާގައި ބޭއްވުމަށް ރަސްމީ މަޝްވަރާތަކުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަމަށް ވިދާޅުވިއެވެ. އަދި މެލޭޝިއާގެ ޕެޓްރޯނަސް މެދުވެރިކޮށް ރާއްޖޭން ތެލާއި މިނަރަލް ހޯދުމުގެ ދިރާސާތަކަށް އެހީތެރިކަން ހޯދުމަށް ރާއްޖެއިން އެދިފައިވާތީ އެ ކަމާ ގުޅޭ ގޮތުން އެ ކުންފުންޏާ މަޝްވަރާ ކުރައްވާނެ ކަމަށާއި ރެސިޕްރޮކަލް އެރޭންޖުމެންޓެއްގެ ދަށުން ރާއްޖެ-މެލޭޝިއާ އެމްބަސީގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރާއްޖެ އިން އެދުނުކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ޖޮއިންޓު ކޮމިޝަނުގައި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ޖުމްލަކޮށް ރާއްޖެއިން އެދިވަޑައިގެންފައިވާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު އަންވަރު ވަނީ ދެއްވާފައެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.

