ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއްކަމަށާއި ދަރަނި ނަގަންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާނަމަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މާލީ މުއާމަލާތުތަކުގައި ތެދުވެރިވުން“ މި މައުޟޫގައި މިއަދުގެ ހުތުބާގައި ވަނީ، އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކުގެ ތެރޭގައި މުދަލުގެ ނިއުމަތް ހިމެނޭކަމަށާއި އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުނިޔެވީ އެންމެހައި ހާޖަތްތައް ފުއްދުމަށް ލައްވައިފައިވާ ވަސީލަތެއްކަމަށް ބުނެފައެވެ. އަދި މުދަލަކީ އިންސާނާއާ ހަވާލުކުރެވިފައިވާ އަމާނާތެއްކަމަށާއި ގިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުމަށް ވެސް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި މުދަލުގެ މުއާމަލާތްތަކާއި އެހެނިހެން ކަންކަމަށް ވެވޭ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަހުލާގުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއާ ހިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއްކަމަށާއި މުސްތަގުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެއް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.
އިންސާނާގެ ހަޔާތުގައި ތަފާތު އެކި ހާލަތްތަކާ ކުރިމަތިލާން ޖެހޭއިރު ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމަށް ތައްޔާރުވެ ފަހަށް ރައްކާކުރުމަކީ ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެއްކަމަށާއި އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދަރަނީގެ މުއާމަލާތާއިމެދު ސަމާލުވުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އެގޮތުން، ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއްކަމަށާއި ދަރަނިދޭ މީހާގެ ހައްގަކަށްވާއިރު ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މި ފަދައިން ދަރަންޏެއް ނަގާން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.
”މާތް ނަބިއްޔާގެ އަރިހުން جَابِرُ رَضِيَ اللهُ عَنْهُ ރިވާކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ) މާނައީ: ”ރިބާ ކާ މީހާއަށާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއަށާއި، އެ މުޢާމަލާތުގައި ހެކިވެރިވާ މީހާއަށާއި، އެ މުޢާމަލާތްތައް ލިޔާ މީހާއަށް، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ލަޢުނަތްލެއްވިއެވެ. މުސްލިމް އަޚުންނޭވެ! މުދަލުގެ މުޢާމަލާތްތަކާއި އެހެނިހެން ކަންކަމަށް ވެވޭ އެއްބަސްވުންތަކަށް އިޙުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤެވެ“
މީގެ އިތުރުން ސަވާބާއި ދަރުމައަށް އެދި އާއިލާއަށް ހަރަދުކުރުމަކީ އަޅުކަމެއްކަމަށާއި މުދާ ހޭދަކުރުމުގައި އަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްގުތަކާ މެދު އާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވުމަށް ހުތުބާގައި ގޮވާލިއެވެ.
އަދި މާލީ މުއާމަލާތްތައްކުރުމުގައި އަދުލުވެރިކަމާއެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި އަލާމާތެއްކަމަށާއި ގަނެ ވިއްކުމުގައި ތެދުވެރިވެ މުއާމަލާތްތަކުގައި އަމާނާތްތެރިވުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.

