ދިވެހި ސަރުކާރާއި ކެންޔާގެ ސަރުކާރާ ދެމެދު ސިޔާސީ ގޮތުން މަޝްވަރާކުރުމުގެ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށް، ދެ ގައުމުގެ ފަރާތުން ސޮއިކޮށްފިއެވެ.
އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި ކެންޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ފޮރިން އެންޑް ޑައަސްޕޯރާ އެފެއާޒްގެ ކެބިނެޓް ސެކްރެޓަރީ ހިސް އެކްސެލެންސީ ޑރ. މުސާލިއާ މުދަވާދީއެވެ.
އެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުގައެވެ.
އެ އެމްއޯޔޫއަކީ ދެ ގައުމުގެ ހާރިޖީ ވުޒާރާގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދޭނެ އޮނިގަނޑެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިއީ މަޝްވަރާތައް އިތުރަށް ފުޅާކުރުމަށާއި، އެއްބާރުލުން ދެވޭނެ އައު ދާއިރާތައް ފާހަގަކުރުމަށާއި، ރާއްޖެއާއި ކެންޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށް ބުނެފައިވެއެވެ.
އެ އެމްއޯޔޫގައި ސޮއިކުރުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ދެ ގައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 23 އޮކްޓޫބަރު 1995 ގައެވެ.

