ހޮނިހިރުދުވަހާއި، އޭގެ ކުރީ ދެދުވަހުގައި ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 591 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
އެއްވެސް ހުއްދައެއްނެތި މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވަނީ، 1000 ރުފިޔާއިންނެވެ. 591 މީހުންނަށް ބަލާއިރު، ފައިސާގެ އަދަދު 591,000 އަރައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރިގޮތުގައި، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 201 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވެއެވެ. އަދި 9 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރު، މާލޭސިޓީ ލޮކްޑައުން ކުރިފަހުން މިހާތަނަށް ޖުމްލަ 180 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ލޮކްޑައުންގެ އަމުރާއި ޚިލާފުވެގެން 201 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވާއިރު، މި އަމުރާއި ޚިލާފުވި 220 މީހަކު ހުކުރު ދުވަހު ޖޫރިމަނާކޮށްފައިވެއެވެ. މި ގޮތުން ބަލާއިރު، ބުރާސްފަތި ދުވަހު 170 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

