މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މުދަލަކީ މާތް ﷲގެ ޙައްޤެއް“ މި މައުޞޫގައި މިއަދުގެ ހުކުރު ހުތުބާގައިވަނީ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާއި ޙަވާލުކުރެވިފައިވާ އަމާނާތެއްކަމަށާއި އަދި މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމަށް ބުނެފައެވެ. މީގެ ބަދަލުގައި މުދަލަކީ އެއީ އިމްތިޙާނެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އަދި މުދަލަކީ އަހަރެމެމްނާއި ހަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
”މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ.“ އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަމެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރާންވީ ސުވާލަކީ، ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯއެއް ނޫނެވެ. އެހެނެއްކަމަކު، ކުރާންވީ ސުވާލަކީ، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީހޯދުނުތޯއެވެ“
މުދަލަކީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެއްކަމަށާއި އަހަރެމެން އެއްކުރާ މުދަލާއި މެދު ޤިޔާމަތް ދުވަހުގައި ސުވާލުވެވޭނޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”ޤިޔާމަތް ދުވަހު އޭނާގެ ޢުމުރު ހުސްކޮށްލި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތާއި، އޭނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާއި، އަދި އޭނާގެ ހަށިގަނޑު ފަނާކުރީ ކޮންކަމެއްކުރުމުގައިތޯ ސުވާލުވެވުމަށް ދާންދެން، އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައެއް ނުލެވޭނެއެވެ.“ ރަސޫލު ﷲ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނަ
ހުތުބާގައިވަނީ މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިންކަމަށާއި ﷲ ޙަރާމްކުރެއްވި މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އަހަރެމެންނަކަށް ނޯންނާނެކަމަށް ބުނެފައެވެ.
އަދި ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީ ޙަލާލު މުދާކަމަށާއި ހަމަ އެއާ އެކު، ހެޔޮ ހިތުން ދެވޭ ހަދިޔާއާއި، ޝަރުޢީ ހަމަތަކުގެ މަތީން ލިބޭ ތަރިކަ މުދަލަކީ ވެސް ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭ ތަކެތިކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުންކަމަށާއި އަދި އެގޮތުން ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަންކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫންކަމަށާއި މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އަމާނާތެއްގެ ގޮތުގައި މާތް ﷲ އަހަރުމެންނާއި ޙަވާލުކުރައްވައިފައިވާ މުދަލުގައި، އަދާކުރާންޖެހޭ ޙައްޤުތަކަކާއި މަސްއޫލިއްޔަތުތަކެއް އެކަލާނގެ ކަނޑައަޅުއްވައިފާވާއިރު އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދޭން ޖެހޭ ވާޖިބަކީ، އަމިއްލަ އަހުލުންނަށްކުރާ ހޭދަކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި އެއީ އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓާން ޖެހޭ އެންމެހައި މީހުންކަމަށާއި މިއީ އިޖުތިމާޢީ ޒިންމާއަކަށް ވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އަދި މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ޒަކާތް ދައްކާއިރު، އެ އަދާކުރެވެނީ މުދަލުގެ އަސްލު މިލްކުވެރި ފަރާތުން އަހަރެމެންނާ ޙަވާލުކުރެއްވި އަމާނާތެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަދި ހަމަ އެހެންމެ މުދާ އިސްރާފުކުރުމާއި، އެ މުދާ ބޭކާރު ގޮތުގައި ހަލާކުކޮށްލުމުގެ އެއްވެސް ޙައްޤެއް އަހަރެމެންނަށް ލިބިގެންނުވާކަމަށާއި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުމާއި، ބޭނުމެއް ނެތް ތަކެތި ގަތުމާއި، އެ ތަކެތީގެ ބޭނުންނުކޮށް ހުއްޓައި އޭގެ މުއްދަތު ހަމަވެގެން އުކާލަން ޖެހުމަކީ ވެސް، އަމާނާތަށް ޚިޔާނާތްތެރިވުންކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.

