2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރުން ފެށިގެން ރަނިންމޭޓުން އިއުލާނު ކުރަމުންދާތީ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދު މިކަމާ ގުޅިގެން ކަންބޮޑުވުން ހިއްސާކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައެވެ.
ރަނިން މޭޓުން އިއުލާނު ކުރާތީ، އެކަމަށް ރައީސް ނަޝީދު ވާހަކަ ދެއްކެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިއުލާނުކުރައްވައި، ރަނިންމޭޓަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވާފައިވާކަން ހާމަކުރައްވާފައި ވަނިކޮށެވެ.
ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވީ، ރިޔާސީ ރޭހަށް ނިކުންނައިރު އެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށާއި މަޝްވަރާތައް ކުރުމުގެ ޖާގަ އޮންނަންވާނެ ކަމަށެވެ. އަދި ރަނިންމޭޓުގެ މަގާމަކީ އެހެން ޕާޓީތަކާ ވާހަކަދައްކައިގެން ސިޔާސީ ގޮތުން އެމްޑީޕީއަށް އެންމެ ބޮޑު މަންފާއެއް ހޯދުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވަމުން، އެ ފުރުސަތު ގެއްލޭ ފަދަ ގޮތަކަށް ކެންޑިޑޭޓުން އަމަލުނުކުރެއްވުމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެ މެސެޖަށް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އަދި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގައުމީ ރިޔާސީ ޕްރައިމެރީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވާނެ ސިޔާސީ ވިސްނުމަކީ ކޮބައިކަން ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީ ކުރިއަށް އޮތް ތަނުގައި ރޫޅިގެންދާނެކަމަށް ލަފާކުރެއްވޭކަމަށާއި، އެހެންކަމުން އެމްޑީޕީން މަސައްކަތް ކުރަންވާނީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ހަރުދަނާ ފޯމިއުލާއެއް ހޯދުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
2028 ވަނަ އަހަރަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން ދެން އިއުލާނު ކުރައްވާފައި ވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. މީގެތެރެއިން ޝާހިދުގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްކަމަށް މައުލޫމާތު ލިބެ އެވެ.

