ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތުތައް ފަހިކުރުމަށްޓަކައި ހެދި ”އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް“ ގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކޮށް، ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވައިފިއެވެ.
އެ އެސެސްމަންޓަކީ ޔޫރަޕިއަން ޔޫނިއަން އަދި އދ. ގުޅިގެން ހިންގާ، އދ. ގެ އޮފީސް އޮފް ކައުންޓަރ-ޓެރަރިޒަމް އިން ތަންފީޒުކުރާ ”އީޔޫ-ޔޫއެން ގްލޯބަލް ޓެރަރިޒަމް ތްރެޓްސް ފެސިލިޓީ (ޔޫއެންއޯޓީސީ)“ ގެ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ހާއްސަ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. އެ އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި، ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއަރ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.
ވޯކްޝޮޕް ފެށުމުގެގޮތުން ތައާރަފުކޮށްދެއްވީ ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އާސިޔަތު މުހައްމަދު ދީދީއެވެ. އެއަށްފަހު ޔޫއެންއޯސީޓީގެ ޓީމުން އެސެސްމަންޓާ ގުޅޭ ތައާރަފެއް ދިނުމުން، ފުލުހުންގެ އެސެސްމަންޓް ޓީމުން ވަނީ ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ވެލިޑޭޓްކުރުމަށްޓަކައި ހުށަހަޅައި، 30 މިނެޓުގެ ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެ އެސެސްމަންޓުގެ މަސައްކަތް 2026 ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންއޯސީޓީގެ 4 މާހިރުންގެ ފަންނީ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ 13 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. އެ ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ އޮގަނައިޒޭޝަނަލް ސްކޭނަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކުގެ އިތުރުން ސިއްރު ސަރވޭއެއް މެދުވެރިކޮށެވެ. ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ލީޑަރޝިޕުން ދެއްވާ އެއްބާރުލުމާއި، ވެލްފެއަރ އިނާޔަތްތަކާއި، ވިހެއުމާ ގުޅިގެން ދެވޭ މުސާރައާއެކު ޗުއްޓީ އަދި މުއައްސަސާގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ގާއިމުކޮށްފައިވާ ހަރުދަނާ އުސޫލުތަކަކީ ފާހަގަކޮށްލެވޭ ރަނގަޅު ކަންކަމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަބްދުއްރަޙްމާން ވަނީ އެސެސްމަންޓް ޓީމުން ކުރި ބުރަ މަސައްކަތަށާއި، ހުށަހެޅި ހޯދުންތަކަށް ތައުރީފުކުރައްވާފައެވެ. އަދި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ މުއައްސަސާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ހިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް އިތުރަށް ހަރުދަނާކުރުމަށް އެ ދިރާސާގެ ސަބަބުން ފަސޭހަވެގެންދާނެކަން އެސިސްޓެންޓް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ޔޫއެންއޯސީޓީގެ ފަރާތުން ވަނީ އެސެސްމަންޓް ޓީމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރުގަދަކުރުމަށްޓަކައި އެ ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވަނީ ޔޫއެންއޯސީޓީ ޓީމުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

