ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެޗްޕީ ބޭނުންކުރާ ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ފުލުހުން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތައް ތަރައްގީކުރުމަށް ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުގެ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވެ، އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ސައިބާ ހަމަލާތަކެއް ދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާންމުކުރި ސައިބާ ސެކިއުރިޓީ އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، ޕީއެޗްޕީގައި ހުރި ސެކިއުރިޓީ މައްސަލަތައް ފެނިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ކުރި ދިރާސާތަކުން ކަމަށެވެ. ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ މިންގަނޑު ކަމުގައިވާ ’ކޮމަން ވަލްނަރަބިލިޓީ ސްކޯރިން ސިސްޓަމް‘ (ސީވީއެސްއެސް ވީ4.0) ގެ ދަށުން މި މައްސަލައަށް 9.2 ގެ ”ކްރިޓިކަލް“ ރޭޓިންއެއް ދީފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ސަބަބުން އެއްވެސް ޔޫސާނޭމް އަދި ޕާސްވޯޑަކާ ނުލައި، ސާވަރތަކަށް ހުއްދަނެތި ވަދެ، ނުރައްކާތެރި ކޯޑުތައް ރަންކޮށްގެން ވެބްސައިޓްތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ހެކަރުންނަށް ލިބިގެންވާއިރު އެ އުނިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ސިސްޓަމްތަކަށް ސައިބާ ހަމަލާތައް ދިނުމަށް މިހާރުވެސް ހެކަރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ނުރައްކަލާ ގުޅިގެން ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހާ ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ މުއައްސަސާތަކަށާއި، ވިޔަފާރިތަކަށް އަދި ވެބްސައިޓްތައް ހިންގާ އެންމެހައި ފަރާތްތަކަށް ފުލުހުންނާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅުމަށް ފުލުހުން އިލްތިމާސްކުރި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.5.12، 8.4.27، 8.3.36، 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ލަސްނުކޮށް ސިސްޓަމްތައް އަޕްގްރޭޑްކުރުމާއި، އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިން ޕްރޮވައިޑަރުންނާ ގުޅައި، ބޭނުންކުރާ ސާވާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި، ސިސްޓަމްތައް މޮނިޓާކޮށް ގަވާއިދުން ބެލެހެއްޓުމާއި، ހުއްދަނެތި އެއްވެސް ފަރާތަކުން ސިސްޓަމަށް ވަދެފައިވާކަމަށް ޝައްކުކުރެވޭ ނަމަ، ޑިޖިޓަލް ހެކިތައް ނުގެއްލޭނެހެން ރައްކާތެރިކުރުމާއެކު ފުލުހުންނަށް ރިޕޯޓްކުރުން ހިމެނެއެވެ.

މީގެ އިތުރުން، އެއްވެސް ކަހަލަ ސައިބާ ހަމަލާއަކަށް ޝައްކު ކުރެވިއްޖެނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަން ފާހަގަކުރެވިއްޖެނަމަ، އިތުރު ގެއްލުންތައް ހުއްޓުވުމަށްޓަކައި ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކުރުމަށްފަހު، ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް ވެސް ފުލުހުންގެ އެޑްވައިޒަރީގައި އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: