މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަރުދަނާކުރި ކަމަށް ބުނާ ޖީއެސްޓީގެ ގާނޫނު އަނެއްކާވެސް އިސްލާހުކުރަން ހުށަހެޅުމުން އެނގެނީ ސަރުކާރުން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާނުކޮށް ގާނޫނުތަކަށް އިސްލާހު ހުށަހަޅާކަން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެނައުމަށާއި އިތުރު ބަދަލުތަކެއް ހުށަހެޅުމަށް ޖޭއެސްޓީގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ނުކުތާތަކަށް ޕީއެންސީގެ މެމްބަރުންނަށް މަޖިލީހުގައި އައިސް ވާހަކަ ދެއްކިދާނެ ކަމަށާއި ނަމަވެސް، އެ ބިލަށް ބަދަލު ގެނައީ އިއްޔެގައި ކަން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ. ދެ މޫސުން ބަދަލުވާއިރު، ވައި ބަދަލުވާހެން ގާނޫނުތައް ބަދަލުވާނަމަ ރައްޔިތުންގެ އިތުބާރު ވެސް ނުއުފެދޭނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
އަވަސް އަވަހަށް ގާނޫނު ބަދަލުކުރުމުން ދޭހަކޮށްދޭ އެއްކަމަކީ އެފަދަ ކަންކަން ކުރާއިރުގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކުރާކަން ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސްއަށް ބަދަލު ގެންނައިރު، އެކަން ކުރަނީ ވިޔަފާރިވެރިންނާ މަޝްވަރާކޮށްގެން ކަމަށް ރައީސް ވިދާޅުވާ ނަމަވެސް، މިހާރު ފެންނަމުންދަނީ އެކަން ނުކުރާކަމުގެ ހެކި ކަމަށް އޭނާ ވިދާޅުވިއެވެ.
”އެކަން ނުކުރާކަމުގެ ހެކި މިހާރު ފެންނަމުން މިދަނީ. މަޝްވަރާ ކޮށްގެން މިކަން ކުރާނަމަ މިހާ އަވަސް އަވަހަށް މި ބަދަލުކުރާކަށް ނުޖެހޭނެ. މި މަޖިލީހުގައި އެންމެ އަވަސް އަވަހަށް ބަދަލުކުރާ ގާނޫނަކަށް މިވަނީ ލާމަރުކަޒީ ގާނޫނާއި، ޓެކްސްގެ ގާނޫނު،“ ޒިޔާދު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއު ވެސް ހިންގާނީ ގާނުނުތައް ”ހަރުދަނާކޮށްފައި“ ކަމަށް ސަރުކާރުން ބުނާއިރު، މިއަދު އިސްލާހު ހުށަހަޅައިގެން އުޅެނީ އިއްޔެ ހަރުދަނާކުރި ގާނޫނަކަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެ ވާހަކަތަކަށް ވެސް ރައްޔިތުންނަށް އިތުބާރު ނެތީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައްޔިތުންނާ ގުޅުންހުރި އެއްވެސް ޓެކްސެއް ބޮޑުނުކުރާނެ ކަމަށް ސަރުކާރުން ބުނާ ނަމަވެސް، ކޮންމެ ޓެކުހެއް ވެސް ރައްޔިތުންނާ ގުޅޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ޖީއެސްޓީ ބޮޑުނުކުރިޔަސް، އިންޑައިރެކްޓް ޓެކްސްތަކުގެ ސަބަބުން ފިހާރަތަކުގެ މުދަލުގެ އަގު 30 ނުވަތަ 40 އިންސައްތަ ބޮޑުވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވިޔަފާރިވެރިންނަށް ޓީޓީ ހެދޭނެ ގޮތެއް ވެސް ނެތް ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަގާ ކޮންމެ ޓެކްސެއްގެ އަސަރު ރައްޔިތުންނަށް އަދި ވިޔަފާރިވެރިންނަށް ވެސް ކުރާ ކަމަށާއި އަގުތައް ބޮޑުވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

