ރާއްޖެއަށް 6.7 ކިލޯގެ މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވަސް ކަސްޓަމްސް ސާވިސްއިން އިއްޔެ ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު 24 ވަނަ ދުވަހު ވައިގެ މަގުން އެއާފްރައިޓްކޮށް ރާއްޖެއަށް ގެނައި ޝިޕްމެންޓެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން ބެލި ބެލުމުން 6.7 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

