އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށެވެ. ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި އެ މަޝްރޫއާ ގުޅޭ ގޮތުން (ރިއަލް އެސްޓޭޓް ޓޫރިޒަމް) ހާއްސަ ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެ ބިލު މަޖިލީހުން އާންމުންގެ ހިޔާލާ މަޝްވަރާއަށް ހުޅުވާލާނެ ކަމަށާއި އެ މަޝްރޫއުގެ އެގްރިމަންޓް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއެއްގައި ބެލުމަށް ކޮމިޓީއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް އެގްރިމަންޓު ފޮނުވާނެ ކަމަށާއި ބިލު ވެސް ގާނޫނަކަށް ވުމުގެ ކުރިން ރައްޔިތުންގެ ހިލާޔާއި މަޝްވަރާއަށް ހުޅުވާލެވޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަން ކުރިއަށް ދަނީ ވަރަށް ދެފުށް ފެންނަ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”މިތަނުގައި ރަލެއް ނުވިއްކޭ އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މި ތަނުގައި ފަސް ވަގުތު ބަންގި ގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެނޫން ގޮތަކަށް ވެސް ސުކޫލެއް، ތައުލީމީ މުއައްސަސާއެއް ނުހުންނާނެ.“
ރައީސް ވިދާޅުވީ، އެ ތަނަށް އަންނަ މީހުންގެ ތެރެއިން އެ ތަންތަން ގަންނަ މީހުންނާއި ”ހޮލިޑޭ ހޯމްސް ހަދާ“ މީހުންގެ ކުދިން ސްކޫލަށް ފޮނުވާނަމަ، ރާއްޖޭގައި ބޭރު މީހުންގެ ކުދިން ސުކޫލަށް ފޮނުވޭ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، މި ގައުމުގައި ހަމަޖެހުން ގާއިމުވެފައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންވެ، ރާއްޖޭގެ ރީތިކަމާއި ހިތްހަމަޖެހުން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ ކަމަށާއި ރަސްމާލެއާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައި ވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލައި، އެތަނުން ރަނގަޅު ގޮތް ހިޔާރުކުރާ ބަޔަކުވެސް މުޖުތަމައުގައި އުޅޭކަން ފާހަގަކުރައްވާ، މިފަދަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރައްވަމުން ރައީސް ވަނީ، ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގައި އޮތީ ފައިދާކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.
މިފަދަ މަޝްރޫއެއްގެ ސަބަބުން، ދިވެހި ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުޞަތު ހަނިވެގެންނުދާނެ ކަމަށެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

