އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ރައީސް އެގޮތަށް ކަނޑައެޅުއްވީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޓަކައި ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ކަލަންޑަރުގައި މިހާރު އޮތް ގޮތުން ރަސްމީ ބަންދު ދުވަހެއް ނޫނަސް އެއީ ބަންދު ދުވަހެއް ކަމަށް ރައީސް މިއަދު ކަނޑައެޅުއްވުމުން ނޮވެމްބަރު 11 ވާ ބުދަ ދުވަހާއި ހަފުތާ ބަންދާއެކު، ޖުމުލަ ހަތަރު ދުވަސް އެ ހަފުތާގައި ބަންދުވާނެއެވެ. އެއީ ހަފުތާ ބަންދުގެ ދެ ދުވަހާ އެކުގައެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހަމަޖައްސަވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން އެ ޖަލްސާގައި އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ މައޫލުމަތު ދީފައެވެ. އަދި ހާއްސަ އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ރައީސް ދެއްވާ އިނާމެކެވެ.
އެ އިނާމު ލިބޭ ފަރާތްތައް ހޮއްވަވަނީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވާފައިވާ ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ހާއްސަ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުވެސް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކުގައި ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރައީސް ދެއްވާ އިނާމެކެވެ. ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ރައީސް އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޖުމްހޫރީ ދުވަހަކީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ.

