ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގެ ފެނާއި ނަރުދަމާގެ ނެޓްވޯކުގެ މަސައްކަތް އެމްޓީސީސީއާއި ޕަބްލިކް ވޯކްސްއާ ހަވާލުކުރަނީ

ގުޅީފަޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސްއާ ހަވާލުކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލު ކުރެވޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ހުޅުމާލެ ފޭސް ތިނަކާއި ގުޅިފަޅު އަދި ގިރާވަރުފަޅުން މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައި ވާއިރު، އެ ތަނުން ގޯތި ދީފައި އޮތީ ހިއްކާފައި އޮތް މިންވަރަށް ވުރެ މާގިނައިން ކަމަށެވެ.

ހިއްކާފައި ހުރި ބިންތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގާއިމްކުރުމަށް ހިނގާނެ ކަމަށް އަންދާޒާކުރެވޭ ހަަރަދު އެތަންތަން ހިއްކަން ދިޔަ ހަރަށްވުރެ ބޮޑު ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން އެއްފަހަރާ ހަރަދުކުރުމަކީ ވަރަށް ދަތިކަމެއް ކަމަށާއި ގުޅީފަޅުގައި އެކަނި އެ ހިދުމަތްތައް ގާއިމްކޮށް މަގު ހެދުމަށް ޓަކައި އެކަނި 400 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެކަމަށެވެ.

އެހެންނަމަވެސް، އެކަން ލަސްވަމުންދާތީ ޕަބްލިކް ވޯކްސް ސާވިސް އާއި އެމްޓީސީސީ ގުޅިގެން ވީހާވެސް އަވަހަށް އެތަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ނެޓްވޯކް މަސައްކަތް ކުރުމަށް ހަވާލުކުރަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މުއްތަލިބް ވިދާޅުވީ، ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް ހަވާލުކުރުމާ އެއްކޮށް، އެތަންތަނުގައި އާބާދުވެވޭނެ ފަދަ މަގެއް ވީހާވެސް އަވަހަށް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

”ސަރުކާރުން އެކި ގޮތްގޮތުން މި މަސައްކަތްކުރަނީ ރައްޔިތުންނަށް ދޫކޮށްފައި ހުރި ބިންތައް ހަވާލުކުރުމާ އެއްކޮށް، އެތަންތަނުގައި އާބާދުވެވޭނެ ފަދަ މަގެއް ވީހާވެސް އަވަހަށް ފަހިކޮށްދިނުމަށް ޓަކައި،“ މުއްތަލިބް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގުޅީފަޅާއި ހުޅުމާލެ 3 އިން ދީފައި ހުރި ގޯތިތަކުގައި ވަށާފާރު ރޭނުން ފަދަ މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް ވެސް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް މުއްތަލިބް ވިދާޅުވެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ތަކުރާރުކޮށް ލަސްވަމުންދާއިރު ނަރުދަމާ މަގުހެދުން ކަރަންޓު އަދި ފެނުގެ ނިޒާމު ފަދަ އަސާސީ އިންފްރާސްޓްރަކްޗަރަށް ބޭނުންވާ ބަޖެޓު އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައިނުވާކަމަށް ބުނެ ގުޅީފަޅުން ގޯތި ލިބުނު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭގައި މިހާރު ދިރިއުޅެމުންދާ ތަންތަން ފަސް އަހަރު ދުވަހުގެ ތެރޭގައި ދޫކޮށްލުމަށް ގުޅީފަޅުން ގޯތި ތިބި ބައެއް ރައްޔިތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، ގުޅީފަޅުގައި އަސާސީ ހިދުމަތްތައް ގާއިމްނުކުރެވި އޮއްވައި އެ މުއްދަތު ހަމަވާކަން ވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: