ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ބޭރުމީހުން ދިގުމުއްދަތަށް ވަޒަންވެރިވުމުގެ ފުރުސަތު ނުދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފި

އަދާލަތު ޕާޓީގެ އިސްވެރިން، ހައުސިން މިނިސްޓަރު މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާ މިދިޔަ މަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ރިއަލް އެސްޓޭޓް މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް އުފައްދައިގެން ނޫން ކަމަށާއި، އެފަދަ ސަރަހައްދުތައް އުފެދިއްޖެނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީން ދީފިއެވެ.

ސަރުކާރުން ”ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު“ގެ ނަމުގައި ހާއްސަ ގާނޫނެއް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށް، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ މަޝްރޫއުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގުމުއްދަތަކަށް ދިރިއުޅޭ ވަކި ހާއްސަ ސަރަހައްދުތަކެއް ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި، އާންމު މަސްލަހަތަށާއި، ދިވެހި ސަގާފަތުގެ އިތުރުން ގައުމީ ސަލާމަތީ ރައްކާތެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

އެހެންކަމުން، ބޭރު މީހުން ދާއިމީކޮށް ނުވަތަ ދިގުމުއްދަތަކަށް ދިރިއުޅޭ ގޮތަށް ސަރަހައްދުތައް ތަރައްގީކުރުމުގެ ބަދަލުގައި، ރިއަލް އެސްޓޭޓް މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރު މީހުން ޗުއްޓީ ހޭދަކުރާ ވަގުތީ ”ހޮލިޑޭ ހޯމްސް“ ތަރައްގީކުރުމަށް ކަމަށް އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރެއެވެ. ނަމަވެސް މި ބަޔާނުގައި ރާއްޖޭގައި ހިންގަން އިއުލާނުކޮށްފައިވާ އެއްވެސް ވަކި ހާއްސަ މަޝްރޫއެއްގެ ނަން ސީދާ ފާހަގަކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގައި ހިންގުމަކީ އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި އަދާލަތު ޕާޓީން ފާހަގަކުރެއެވެ.

އެ ޕާޓީން ދެކޭގޮތުގައި ޝަރުއީ ހަމަތަކުގެ މަތިން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވިއްޖެނަމަ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ބޭރުގެ ލޮޅުންތަކުން އަރައިގަނެވޭނެ ފަދަ ހަރުދަނާ އިގުތިސާދެއް ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގަން ރާވާފައިވާ ބޮޑު މަޝްރޫއާ ގުޅޭގޮތުން އަދާލަތު ޕާޓީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، މައުލޫމާތު އޮޅުންފިލުވައިފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި އިސް ލީޑަޝިޕުން ވަނީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރައްވާފައެވެ.

ރިއަލް އެސްޓޭޓް ވިޔަފާރިއާއި ފަތުރުވެރިކަން ހިމެނޭ ގޮތަށް 500 ހެކްޓަރުގެ ބިމެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ވަނީ އީގަލް ހިލްސްއާ އެކު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މި ބައްދަލުވުމުގައި އެ މަޝްރޫއާ ގުޅޭ ބައެއް މައުލޫމާތުތައް މިނިސްޓްރީގެ ފަރާތުން އަދާލަތު ޕާޓީގެ އިތުރުން މައުލޫމާތަށް އެދުނު އެހެން ފަރާތްތަކާ ވެސް ވަނީ ހިއްސާކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލަކީ ރާއްޖޭގައި ރިއަލް އެސްޓޭޓް ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ހިންގާ އެއްވެސް ރިއަލް އެސްޓޭޓް މުއާމަލާތެއް އަދި މަޝްރޫއެއް ވެސް އިސްލާމީ ޝަރީއަތާ ހިލާފަކަށް ނުހިންގޭނެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ރިއަލް އެސްޓޭޓް ވިޔަފާރިތައް ހަރުދަނާ އުސޫލަކުން ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ އިދާރާއެއް ގާއިމުކޮށް، އެ ދާއިރާގައި ހިންގާ އެންމެހައި މަޝްރޫއުތަކާއި މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: