ޝަރުއީ ދާއިރާ މިނިވަންކޮށް ހަރުދަނާ ކުރުމުގެ ވާހަކަ ފަހަކަށް އައިސް ދެކެވެން ފެށީ ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރަތަމަ ތަގުރީރުގައި އެހެން ވިދާޅުވުމުންނެވެ. އޭގެ ފަހުން، ”އެޖެންޑާ 19“ ނަމުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ކަރުދާހެއްގައި ވެސް ޝަރުއީ ނިޒާމު ހަރުދަނާ ކުރުން އެބަ އޮތެވެ.
އެގޮތުން އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނައުމެވެ. ފަނޑިޔާރުންގެ ޒާތީ މަޞްލަޙަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނެއް ޤާއިމުކުރުމެވެ.
މީގެ އިތުރުން ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ޝަރުޢީ ދާއިރާއިން ވަކި ފަރާތަކަށް ބުރަވާ ކަމަށާއި، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގައި އެފަރާތްތައް ޖެހިފައިވާ ކަމުގެ ތުހުމަތުގެ އިނގިލި އެ ދާއިރާއަށް ދިއްކުރެވެމުން އަންނައިރު، ޤާނޫނުތައް މި ފަދަ ޝަރުޢީ ނިޒާމަކުން ތަންފީޒުކުރަމުން ގެންދިއުމަކީ ވެސް ދިވެހި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ދިމާވާ ގޮންޖެހުން ތަކެއް ކަމަށް ރައީސް ސާލިހުގެ ސަރުކާރުގެ އެކްޝަން ޕްލޭންގައި ވަނީ ބުނެފައެވެ. އަދި އަދުލު އިންސާފުގެ ދާއިރާއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމާއި، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނިގަނޑުގައި ފުށުއެރުން ތަކަކާއި ފޫނުބެއްދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.
ކޮންމެއަކަސް ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް އަދުލުވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރުމުގެ ވާހަކަ ކިތަންމެ ތަފާތުކޮށް އެޖެންޑާ19 އަދި ރައީސް ސާލިހުގެ އެކްޝަން ޕްލޭނުގައި ލިޔެފައި އޮތް ނަމަވެސް ކަންކަން ކުރަމުން ދަނީ އެ މަގުން ނޫންކަން އެއީ މިއަދު ހާމަ އަށް ފެންނަން އޮތް ހަގީގަތެކެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް އަދުލުވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރުމުގެ ހެޔޮ ނިޔަތެއް މިވަގުތު ޖޭއެސްސީގައި ތިއްބެވި ބޭފުޅުންގެ ނެތްކަން ސާބިތުވެގެންދާ ކަމަކީ އެކިއެކި ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ނަމުގައި ބަލަމުންދާ މައްސަލަތަކާއި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި ވަގުތީ ގޮތުން ކޯޓުތައް ހިންގުން ފަނޑިޔާރުންނާއި ހަވާލު ކުރުމުގައި ޖޭއެސްސީން ގެންގުޅެމުންދާ ދެ ފުއް ދެ ގޮތް ސިޔާސަތެވެ. ހާއްސަކޮށް ކޯޓުތައް ވަގުތީ ގޮތުން ހިންގުން އެކިއެކި ފަނޑިޔާރުންނާއި ހަވާލު ކުރުމުގައި ޖޭއެސްސީން ގެންގުޅޭ ސިޔާސަތަކީ ވާނުވާ ނޭނގޭ އޮޅުން ބޮޅުން ބޮޑު ސިޔާސަތެކެވެ. އެކަން ހާމަވެގެން ދިޔައީ ފަނޑިޔާރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅަކާއި ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ހަވާލު ކުރި ހިސާބުންނެވެ.

ބައެއް ކޯޓުތަކަށް އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީއިން އަމަލު ކުރަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފަށްކަމަށް ބުނެ ކޮމިޝަނަށް ވަނީ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. އާދަމް މުހައްމަދާއި ކްރިމިނަލް ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ހައިލަމް ވިދާޅުވެފައިވަނީ ޤާޒީ އާދަމް މުޙައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ޤާބިލު ޤާޒީ ކަމަށާއި ނަމަވެސް ޖޭއެސްސީއިން ކްރިމިނަލް ކޯޓު ހިންގުން ޤާޒީ ޢަލީ ރަޝީދާއި ޤާޒީ އާދަމް މުޙައްމަދާ ވެސް ޙަވާލުކޮށްފައިވަނީ ޖޭއެސްސީން ގެޒެޓްކުރައްވާފައިވާ އުޞޫލާ ހިލާފަށް ކަމަށެވެ.
ޖޭއެސްސީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރަކާއި ހަވާލުކޮށްފައިވަނީ އުސޫލާއި ހިލާފަށްކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ހަމަޖެއްސުމާއި، ސުޕީރިއާރ ކޯޓުތަކުގެ އިސް ގާޒީން ހަމަޖެއްސުމާއި އަދި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޖޭއެސްސީގެ ޒިންމާއެއްކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރަކު ވަޒީފާ އާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސްފަނޑިޔާރަކު ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ވަގުތީގޮތުން ހިންގުމާއި ހަވާލުވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތެއްގައި އެ އުސޫލަށް އަމަލު ކުރުމުން އިސްތިސްނާވެގެން ވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނެފައިވަނީ ކޯޓުގެ އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތުގައި އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާއި އެ މަސްއޫލިއްޔަތު ހަވާލު ކުރުމުގައި ކޮމިޝަނުން އަމަލު ކުރަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި ކޮމިޝަނުން ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވެސް ވަނަވަރު އަދި ރިކޯޑު ފައިލްގައި ހުރި ލިޔެކިއުންތަކަށް ބެލުމަށްފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާ، އަހުލާގާއި ގާބިލްކަމަށް ބަލައި އިސްފަނޑިޔާރުކަމަށް އެންމެ އެކަށޭނެ ފަރާތެއް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށެވެ.
ޖޭއެސްސީގެ ބަޔާނާއި ގުޅޭ ގޮތުން ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލަން ބޭނުން ވަނީ ކޯޓެއްގައި ހުންނަވާ ގާޒީ އަކު ނުވަތަ ފަނޑިޔާރަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީއަށް ދިއުމުން ނުވަތަ ސަސްޕެންޑް ކުރުމުން ނޫންނަމަ ޕްރޮމޯޝަނެއް ލިބުމުން ވަގުތީ ގޮތުން ކޯޓު ހިންގުން ގާޒީއަކާއި ނުވަތަ ފަނޑިޔާރަކާއި ހަވާލު ކުރުވުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. މާނައަކީ ރާއްޖޭގެ އެއްވެސް ކޯޓެއް ވަގުތީ ގޮތުން ހިންގުން ގާޒީއަކާއި ނުވަތަ ފަނޑިޔާރަކާއި ހަވާލު ކުރެވިދާނެ ގޮތެއް ކޯޓުތަކުގެ ގާނޫނުގައި ވެސް އަދި ފަނޑިޔާރުންގެ ގާނޫނުގައި ވެސް ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގައި ބުނެފައި ވަނީ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ތެރެއިން ކޮންމެ ކޯޓެއްގައިވެސް އިސް ގާޒީއަކު ހުންނަންވާނެ ކަމަށެވެ. އަދި އެއިން ކޮންމެ ކޯޓެއްގެވެސް އެންމެ އިސް ފަރާތަކީ އެ ކޯޓެއްގެ އިސް ގާޒީ ކަމަށާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުގެ އިސް ފަނޑިޔާރުގެ މަގާމު ފުރާނެ ފަނޑިޔާރަކު އައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
ދެން އޮތީ ޖޭއެސްސީގެ ބަޔާނުގައި ހަވާލާ ދީފައިވާ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާއެވެ. ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ބުނެފައި ވަނީ ހައިކޯޓާއި ދަށު ކޯޓުތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސް ފަނޑިޔާރުން އައްޔަންކުރަންވާނެއެވެ. އެގޮތުން އިސް ފަނޑިޔާރުކަމަށް އައްޔަންކުރަންވާނީ އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި ގާބިލުކަމަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ކޮންމެއަކަސް މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކޮށްފައިވެއެވެ. އުސޫލުގައި ބުނެފައި ވަނީ ކޯޓުގެ ހިންގުން ހަވާލު ކުރާނީ އެ ވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީން ބުނަނީ ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތެއްގައި އެ އުސޫލަށް އަމަލު ކުރުމުން އިސްތިސްނާވެގެން ވާނެ ކަމަށެވެ.
އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކޮށްފައިވުމުގެ މައިގަނޑު މަގުސަދަކީ ވަކި ހަމަތަކަކާއި އުސޫލްތަކުގެ ދަށުން ކޯޓުތައް ހިންގުން ފަނޑިޔާރުންނާއި ނުވަތަ ގާޒީންނާއި ހަވާލު ކުރުމެވެ. ހާއްސަކޮށް ކޯޓެއް ހިންގަވަން ހުންނަވާ ފަނޑިޔާރަކު ނުވަތަ ގާޒީއަކު އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ މަގާމުން ވަކިކޮށްފިނަމަ ނުވަތަ ޕްރޮމޯޝަނެއް ދީފިނަމަ ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެ ކޯޓެއްގެ އެންމެ ދުވަސްވީ އެންމެ ތަޖުރިބާ ހުރި ފަނޑިޔާރަކާއި ނުވަތަ ގާޒީއަކާއި ހަވާލު ކުރުމަކީ އުސޫލުގެ ރޫހު ކަމަށް ގަބޫލު ކުރަން ޖެހެއެވެ.
މީގެ އިތުރުން ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކުރުމުގެ ކުރިން ޖޭއެސްސީން އަމަލު ކުރަމުން އައިސްފައިވާ ގޮތަކީ ކޯޓެއްގެ ހިންގުމާއި ހަވާލު ހުންނަވާ އިސް ފަނޑިޔާރު މަގާމުން ވަކިކޮށްފިނަމަ ނުވަތަ ޕްރޮމޯޝަނެއް ދީފިނަމަ ދެން އެ ކޯޓެއް ހިންގުން ހަވާލު ކުރަނީ އެ ކޯޓެއްގައި ހުންނަވާ އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާ ހުރި ފަނޑިޔާރާއެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އަބްދުﷲ ސައީދު ހުންނަވަނިކޮށް އޭނާ މަގާމުން ދުރުކުރުމާއި ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރީ އޭރު ސްޕްރީމް ކޯޓުގައި ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ކަމުގައިވާ އަބްދުﷲ އަރީފްއާއިއެވެ. ހަމައެހެންމެ އުއްތަމަފަނޑިޔާރުގެ މަގާމުން ޑރ އަހުމަދު އަބްދުﷲ ދީދީ ދުރުކުރުމަށް ފަހު ސްޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ވަނީ ހަމަ އަބްދުﷲ އަރީފްއާއިއެވެ. އެހެން ކަމުން ކޯޓެއް ހިންގަވަން ހުންނަވާ އިސް ފަނޑިޔާރަކު މަގާމުން ވަކިކޮށްފިނަމަ ނުވަތަ އެހެން ކޯޓަކަށް ބަދަލުކޮށްފިނަމަ ދެން އެ ކޯޓެއްގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރަން ވާނީ އެ ކޯޓެއްގައި ހުންނަވާ އެންމެ ދުވަސްވީ ފަނޑިޔާރާކަން މި ދެންނެވި ނިންމުންތަކުންވެސް ސާފުވެއެވެ.
އެހެން ނަމަވެސް ފަހުން ޖޭއެސްސީން ކޯޓުތައް ހިންގުން ވަގުތީ ގޮތުން ފަނޑިޔާރުންނާއި ހަވާލު ކުރުމުގައި އަމަލު ކުރަމުން ދަނީ ހަމަޖެހޭ އުސޫލެއްގެ ތެރެއިން ކަމަށް ދެންނެވޭކަށް ނެތެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ އިސް ގާާޒީގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރުމަށް ފަހު ކްރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ އޭރުގެ ގާޒީ އަލީ ރަޝީދުދާއި ހަވާލު ކޮށްފައިވަނީ އެއްވެސް ގާނޫނެއްގެ ނުވަތަ އެއްވެސް ގަވާއިދެއްގެ ދަށުން ކަމަށް ނުވުމެވެ. އަދި ހައިކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސަސްޕެންޑް ކުރުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރު ޝުޢައިބު އާއި ކޯޓު ހިންގުން ހަވާލު ކޮށްފައި ވަނީ ވެސް އެއްވެސް ގާނޫނެއްގެ އެއްވެސް ގަވާއިދެއް ދަށުންނެއް ނޫނެވެ. ހަމައެކަނި ޖޭއެސްސީއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.
ހަގީގަތުގައި ކޯޓުތައް ހިންގުން ދާއީމީ ގޮތުން ވިޔަސް އަދި ވަގުތީ ގޮތުން ކަމަށް ވިޔަސް ހަވާލު ކުރަން ޖެހޭނީ ފަނޑިޔާރު ކަމުގެ ތަޖުރިބާ ހުރި ބޭފުޅަކާއިއެވެ. ފަނޑިޔާރަކު ކަމުގައި އަހަރު ދުވަސް ވެސް ނުވާ ފަނޑިޔާރަކާއި ކޯޓުގެ ހިންގުން ހަވާލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި ހަމަ ޖެހޭ އުސޫލެއް ވެސް ނޫނެވެ. އަދި ކޯޓު ހިންގުން ވަގުތީގޮތުން ގާޒީ އަކާއި ނުވަތަ ފަނޑިޔާރަކާއި ހަވާލުކުރުމަށް ޖޭއެސްސީން ހަވާލާދޭ ކޯޓުތަކުގެ 54 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާއަކީ ދާއިމީ ގާޒީން ނުވަތަ ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ބަޔާން ކުރާ މާއްދާތަކެވެ. ހަގީގަތަކީ މިއަދު ޖޭއެސްސީގައި ތިއްބެވި ބޭފުޅުން ކިތަންމެ ހިތްޕުޅާ ހަމަނުވިޔަސް ރަނގަޅަށް އުޞޫލެއް ހައްދަވާކަށްވެސް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމެވެ. އަދި ހައްދަވާ އުޞޫލަކާ އެއްގޮތަށް ޢަމަލެއް ވެސް ނުކުރެވޭ ކަމެވެ. ތެދެކެވެ. އެޖެންޑާ 19 އާ އެއްގޮތަށް ކޯޓުތައް ހިންގުން ހަވާލުކުރުންވެސް ވަރަށް ތަފާތެވެ!

