ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، ޅ. ނައިފަރު ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ އަބްދުލްވާހިދު ހުސައިން އާއި ނ. މަނަދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހަސަން ނާއިފް އެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ، ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އަމިއްލަ ގޮތުން ވާދަކުރާ އިހުސާނާ އަލީ އާއި ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު އިނާޔާ އެވެ.
އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 42 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން 21 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. މިހާތަނަށް މުޅި ޖުމްލަ 63 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

