ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހިދުމަތުގެ ބިލަކީ، ޑިމޮކްރެޓިކް ވެރިކަމެއްގައި ދެވޭ ޕްރޮފެޝަނަލް ހިދުމަތެއް: އެމްޑީޕީ

ފުލުހުން މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ މި ސަރުކާރުގެ ވައުދާއި އެއްގޮތަށް، ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްކަމާއި، ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ފުލުހުން ހެދުމަށް ފަރުމާކުރެވިފައިވާ ގާނޫނެއް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ވަނީ ބިލުގައި މުހިންމު އިސްލާހުތަކެއް ހިމަނާ ރިޕޯޓު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. އަދި އެ ބިލުގައި ހިމަނާފައިވާ ބައެއް އިސްލާހުތަކަށް ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މި ބިލު ފާސްކޮށް ގާނޫނަކަށްވެ ތަންފީޒު ކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ އަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ ހިދުމަތަކީ އެއީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތަކަށް ވާން ޖެހޭ ކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް ވާންޖެހޭ ކަމަށެވެ. އަދި މި ގާނޫނު ތަންފީޒު ވެގެންދާއިރު، އެ އިތުބާރު ގާއިމްވެގެން ދާނެ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

”މި ގާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުމެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުމެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުމެވެ.“ އެމްޑީޕީ

އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒަކީ ހިދުމަތްތައް ލާމަރުކަޒު ކުރުން ކަމުގައި ވާއިރު، މި ބިލުގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް ކޮމިއުނިޓީ ޕޮލިސް ތައާރަފްކުރުން ހިމެނެއެވެ. އަދި ފުލުހުން އާއްމުންނާއި މުއާމަލާތް ކުރުމުގައި އާއި، ކޭސްތަކަށް އެޓެންޑު ވުމުގައި ގެންގުޅެންޖެހޭނެ ހަމަތަކެއް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ. ފުލުހުންނަކީ އެއީ އާއްމުންނަށް އިހުތިރާމް ކުރާ ބަޔަކަށް ހެދުމާއި، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ބަޔަކަށް ހެދުމަށް ބިލުގެ ދަށުން ވަނީ ބާރު އަޅާފައެވެ.

މީގެ އިތުރުން ފުލުހުންނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތައް ބޭނުން ކުރުމާއި، ގާނޫނީ ހައިސިއްޔަތު މަތީ ދެމިތިބެން ޖެހޭނެ ކަމަށް ކޮމިޓީއިން ފާސްކުރި ބިލުގައި ވެއެވެ. އެހެން ކަަމުން އެވަގުތު ބޭނުން ނުކުރަންޖެހޭ ބާރެއް ފުލުހުން ކުށުގެ ވެށީގައި ބޭނުންކޮށްފިނަމަ އެއީ ކުށެއްގެ ގޮތުގައި ބިލްގައި ވަނީ ކަނޑައަޅާފައެވެ.

މި ކަންކަން ފާހަގަކޮށް އެމްޑީޕީއިން ނެރުނު ބަޔާނުގައި ވަނީ ފުލުހުންގެ ހިދުމަތުގެ ބިލާއި އެކު ފުލުހުންނަށް ދޭންޖެހޭ ތަމްރީނުތައް ވަރުގަދަވެގެން ދާނެކަން ފާހަގަކޮށްފައެވެ. އަދި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ސިއްހީ ފަރުވާގެ ކަންކަން ކަށަވަރު ކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީއިން ބުނެފައި ވެއެވެ.

އެމްޑީޕީއިން ވަނީ ބިލާއި އެކު ފުލުހުންގެ މުވައްސަސާއިން ރިޓަޔާރ ކުރައްވާ ފަރާތްތަކަށް ދޭ މާލީ ރައްކާތެރިކަން ވަރުގަދަ ކުރެވިގެންދާނެ ކަން ފާހަގަކޮށްފައެވެ. އަދި ފުލުހުންނަށް ހައުސިން ސްކީމްތަކާއި، އޭގެ މަންފާ ބިލުގެ ދަށުން ދީފައިވުމީ އެންމެ މުހިންމު އެއްކަންގެ ގޮތުގައި އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.

”ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެވެ. އަދި މިއީ އެމްޑީޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެކެވެ. މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެކެވެ.“ އެމްޑީޕީ

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކުރާ ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާއި ގުޅޭ އެ ނޫން ވެސް ކަންކަން ބަޔާން ކުރުމަށް އެކުލެވޭ ބިލެކެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހަކު ކުށްވެރިވާނެ ގޮތާއި، އަދި ފުލުހެއްގެ އަމަލެއްގެ ސަބަބުން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭނެ ހާލަތްތައް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ”ފުލުހުންގެ ތެރޭގައި ބަޣާވާތް ކުރުން“ ނުކުތާ ހިމަނާ، ދައުވާ ކުރެވޭނެ ހާލަތްތައް ވެސް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މި ގާނޫނާއި އެކު ފުލުހުންނަށް ލިބިދެ ބާރުތައް ވެސް ވެއެވެ. އޭގެ ތެރޭގައި ވަޅުލާފައިވާ މައްޔިތާގެ ހަށިގަނޑު ކޮނެގެން ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. ކޯޓު އަމުރެއްގެ ދަށުން މައްޔިތާގެ ހަށިގަނޑު ނެގުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައް ވެސް ވަނީ ބިލުގައި ހިމަނާފައެވެ.

މި ބިލު އެކުލަވާލުމުގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ފުލުހުންގެ ހިދުމަތަކީ އެއީ މިހާރަށް ވުރެ ރަނގަޅު، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށެވެ. އެގޮތުން ބިލުގައި ހިމަނާފައިވާ ބައެއް މުހިންމު ބައިތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުމުގައި ފުލުހުންނަށް ދީފައިވާ ބާރުތައް، ފުލުހުންނާއި މެދު ހުށަހެޅޭ ޝަކުވާތަކާއި މެދު އަމަލު ކުރާނެ ގޮތާއި އަދި ފިޔަވަޅު އެޅުން ހިމެނެއެވެ.

މި ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއިން ފާސްކޮށް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: