ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމަރަފުށީގައި އޯލެވްލެ އިމްތިހާނެއް ހަދަމުންދިޔަ ތަނެއް ގޮއްވާލަން އުޅުނު: ފުލުހުން

ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް އަމަލުތަކެއް ހިނގުމަށް ރާވަމުންދަނިކޮށް މިދިޔަ އަހަރު ތިމަރަފުށިން ހައްޔަރުކުރި މީހުން އރަށު ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން ރޭވިކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަތައް އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށް ދައުވާކުރި މީހުންނަކީ؛

އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ފެހިވިދުވަރު،

އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ކެނެރީގެ

އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ

މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ

އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ

ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ

އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް

އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސް

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް ”ނަސާހް 3“ ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ. ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން ”އަމީރު“ ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށާއި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

”ނަސާހް-3“ ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މި މީހުންނަކީ އައިސިސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ ބައެއް ކަމަށެވެ.

އޮޕަރޭޝަންގައި އަތުލައިގަތް ”ނަސާހް 3“ ދޯންޏަކީ މި ގްރޫޕްގެ އިސް މީހަކު އޮޕަރޭޓްކުރާ ދޯންޏެއް ކަމަށް ބެލެވޭ ކަމަށާއި އެ ދޯނި އަތުލައިގަތީ އޭގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހެދުމުގެ މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. މި މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް މި މީހުންގެ މައްޗަށް ތުހުމަތުކުރެ އެވެ.

އަތުލައިގަތް ދޯންޏާ ބެހޭ ގޮތުން ފުލުހުން ބުނީ ދޯނީގައި އައިއީޑީ ހަދަން އުޅޭ ކަމާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައި ވާއިރު ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

”މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރުލި ބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ”ޖަޒީރާގެ ޒުވާނުން“ ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން“ ކަމަށް ފުލުހުން ބުންޏެވެ. އަދި އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި ”ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ހަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ.“ މިފަދައިން ގޮވާލައި ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ހިންގުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: