މިސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމަށް މަސައްކަތް ކުރާރަން ނުފެންނަ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ މުއައްސަސާތަކަށް އެއްބާރުލުންދީގެން ކަންކަން ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މުއައްސަސާތަކުންކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއި އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައި ރޭ ރައީސް އޮފީހުން ނެރުނު ބަޔާނާއި ހަވާލާދީ ރޮޒޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްމުންދަނީ ޤާނޫނު އަސާސީން މިނިވަން މުއައްސަސާތަކަށް ދީފައިވާ ބާރުތަކާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވުމަށްކަމަށެވެ.
ސަރުކާރުން މިނިވަން މުއައްސަސާތަކަސް ނުފޫޒު ފޯރުވައިގެން ކަންކަން ކުރާކަމަށް ތުހުމަތު ކުރައްވާ ފަރާތްތަކުން، އެފަދަ ކަމެއް ސަރުކާރުން ކުރާނަމަ އެކަމެއް ސާބިރުކޮށްދެއްވަން ޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިނިވަން މުއައްސަސާތަކަށްވެސް އެއްބާރުލުންދީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެއްވަން މަސައްކަތް ކުރާތަންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ ބެއްލެވީ، ޤާނޫނު އަސާސީއިން އެކަން މަތިކޮށްފައިވާ މުސްތަޤިއްލު ކޮމިޝަން، ”އެންޓި-ކޮރަޕްޝަން ކޮމިޝަން“ އިން ކަމަށާއި އެ މުއައްސަސާއިން ކުރެއްވި ތަޙްޤީޤަށް ބޭނުންވި އެންމެހައި މަޢުލޫމާތުތަކާއި، ފުރިހަމަ އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ދީފައިވާނެ ކަމަށެވެ.
އަދި އެ ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެވުނުކަން ފާހަގަކޮށްފައިވެއެވެ.

