އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން އެކުންފުނީގެ ހިއްސާދާރުންނަށް 60 ރުފިޔާ ބަހަން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމާފއިވާ ކަމަށެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2 ރުފިޔާގެ އިތުރު ވުމެކެވެ. އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައި ވަނީ 58 ރުފިޔާއެވެ.
މިދިޔަ އަހަރު ކުރިމަތިވި ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެ އެތެރެކުރި ގިނަ މެޑިކަލް ސާމާނު އެކުންފުނިން ގެނައުމާ ގުޅިގެން އެ ކުންފުނީގެ ފައިދާ އިތުރުވެ ހިއްސާއަކަށްބަހާ މިންވަރުވަނީ އިތުރުވެފައެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އަދި އާންމުކޮށްފައެއް ނުވެއެވެ. އަހަރީ ރިޕޯޓު ނެރުން މި މަހުގެ 15 އަށް ލަސްކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެެއްވެސް އަދި އެކުންފުނިން އިއުލާން ކޮށްފައެއް ނުވެއެވެ.

