ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ހާއްސަކޮށް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު އާންމުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނެރުނު ބަޔާނެއްގައި ބުނީ 28 މެއި 2021 ވަނަ ދުވަހު، ”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި“ ސުރުހީގެ ދަށުން ނެރެފައިވާ ލިޔުމުގައި ކެނެރީގޭގެ ތަފްސީލީ މައުލޫމާތު އާންމުކޮށްފައިވުމާއި ގުޅިގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައިވާކަމަށެވެ.
ކޮމެޓީން އިތުރަށް ބުނީ ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އާންމުކޮށް ރާއްޖޭގެ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މައުލޫމާތު އެއްކުރުމުގެ ބާރާއި އިހްތިޔާރު ލިބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެއްކުރާ މައުލޫމާތެއް ކަމަށް އެ ކޮމިޓީން ދެކޭ ކަމަށެވެ. އެގޮތުން، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނު (ގާނޫން ނަންބަރު 1/2008) ގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޯށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެއްވެސް ފަރާތަކަށް ހިއްސާކުރުމަކީ މަނާކަމެއްކަމަށް 241 ކޮމެޓީން ބުންޏެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (ގާނޫން ނަންބަރު 6/2015) ގެ ދަށުން ގަނޫނީ ކުށެއް ކަމަށްވެސް ކޮމިޓީއިން ނެރެފައިވާ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މައްސަލަ ތަހުޤީޤްކުރުމަށް ކޮމެޓީން ނިންމީ މިމައްސަލަޔަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަޔަކަށް ވުމުގެ އިތުރުން ރާއްޖޭގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މުހިންމު މައްސަލަޔަކަށް ވުމުގެ ސަބަބުން ކަމަށް ބުނެ އެވެ.

