ސްކޫލުތަކުގައި ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ހަތް މައްސަލައެއް މިހާރު ވެސް ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ގަލޮޅު މަދަރުސާގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ މިނިސްޓަރުގެ އަރިހުން އައްސަވާފައެވެ. ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިމައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށާއި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ފުލުހުން ބަލާ މައްސަލަތަކެއް ނަމަވެސް މިކަމުގައި މިނިސްޓްރީންވެސް އެ ފަރާތްތަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އަޅާ ކަމަށްވެސް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދައުރުގައި ޖިންސީ ގޯނާގެ 40 ހަކަށް މައްސަލަ ހުށަހެޅުނުއިރު، 30 ހަކަށް ފަރާތް ވަޒީފާއިން ވަކިކޮށްފައި ވާކަމަށެވެ. އަދި ބާކީ މައްސަލަތައް ވެސް އެބަ ބެލޭ ކަމަށާއި، އެގޮތުން ހަތް ވަރަކަށް ކޭސް މިހާރު ވެސް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމައްސަލަތައް ބަލާއިރު އެ ފަރާތްތައް ތިބޭނީ ސަސްޕެންޝަންގައި ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

