ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކައުންޓަންޓުން ތަމްރީނުކޮށް، ފަންނީ ގާބިލުކަން އިތުރު ކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދޭނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިސްނަންގަވައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑު މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކައުންޓިން ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފަށާފައިވަނީވެސް އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަޞީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކައުންޓިން ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއްކަމަށެވެ. އަދި މިދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އަވަސް މަސައްކަތްތަކެއް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަޤީންކަން ހޯދުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މި ޖަލްސާގައި އެމަނިކުފާނު ވަނީ އެކައުންޓެންސީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ޖަލްސާގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: