9 ޑިސެމްބަރ 2021- ޓްރާންސްޕޭރަންސީ މޯލްޑިވްސް ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު “ މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020“ ވަނީ މިއަދު ލޯންޗުކޮށްފިއެވެ.
މި ސްޓަޑީ ލޯންޗް ކުރެވުނީ، މިއަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން ބޭއްވުނު ހަފްލާއެއްގެ ތެރެއިންނެވެ.
”މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020” ނެރެދެއްވީ، ހަފްލާގެ ޝަރަފްވެރި މެހެމާން، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ޝިރުމީނާ ހުސައިން އެވެ. ސްޓާޑީ ނެރެދެއްވުމަށްފަހު، ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަގައި، ”މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020“ އިން ފާހަގަކުރެވުނު ކަންކަމާއި އަދި ރަނގަޅުކުރުމަށް ހުށައަޅާފައިވާ ހުށަހެޅުންތައް ބަލަގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.
ހަފްލާގައި ވާހަކަދައްކަވަމުން، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާސިޔަތު ރިލްވީނާ ވިދާޅުވީ ވަކި ވަކި ފަރުދުން ފެށިގެން، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، މީޑިއާ އަދި ތައުލީމީ އިދާރާތައް ހިމެނޭހެން، ކޮރަޕްޝަންއާ ދެކޮޅަށް ތެދުވެ މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމުގައެވެ. އަދި މި ސްޓަޑީގެ ހޯދުންތަކުން ދިވެހިރާއްޖޭގެ ޕަބްލިކް ޕްރޮކިއުމެންޓް ނިޒާމު އޮތްގޮތް ރަނގަޅަށް ދެނެގަނެވި، ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، ކޮރަޕްޝަންއަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ރިލްވީނާ ވިދާޅުވިއެވެ.
މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީއެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ޕްރޮކިއުމެންޓްއަކީ ގިނަ އަދަދެއްގެ ފައިސާ ދައުރުވާ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ހިދުމަތް ދިނުމަށް ބޭނުންވާ މުދަލާއި އެހެނިހެން މަސައްކަތްތައް ހޯދުމަށް ބޭނުންކުރާ ނިޒާމަކަށް ވުމުން، ޕަބްލިކް ޕްރޮކިއުމެންޓް ނިޒާމަކީ ކޮރަޕްޝަންނަންތާލެވިފައިވާ ނިޒާމެއްކަން ކަށަވަރުކުރުމަކީ މުހިއްމުވާތީއެވެ.
ހަމައެކަނި 2019 ވަނަ އަހަރަށް ބެލިކަމުގައި ވިޔަސް އެ އަހަރު ބަޖެޓު ކުރި މިންވަރަށް ވުރެ 12.9 ބިލިއަން ރުފިޔާ ވަނީ އިތުރަށް ހަރަދުކޮށްފައެވެ. ރާއްޖެ ބޮޑު ފިސްކަލް ޑެފިސިޓެއްގައި އޮތުމާއިއެކު ދަރަނި އިތުރުވަމުން ދާއިރު ހަރުދަނާ ޕްރޮކިއުމަންޓް ސިސްޓަމެއް އޮތުމަކީ މުހިންމުކަމެކެވެ. ޕްރޮކިއުމަންޓް ނިޒާމު ބަލިކަށި ވުމަކީ ކޮރަޕްޝަންގެ ނުފޫޒު އެއަށް ފޯރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާކަމެކެވެ. ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ އެންމެ އާންމުގޮތް ކަމަށްވެފައިމިވަނީ ޕްރޮކިއުމަންޓުގެ ތެރެއިންނެވެ.

