މޯލްޑިވްސް ޕޯސްޓް ލިމިޓެޓް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ ހަވާލުކުރަން ސިޓީ ކައުންސިލުން ހުށަހެޅި ނަމަވެސް އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށް ކަަމަށް އެ ކުންފުނިން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ ދީފައިވާ މުއްދަތު ހަމަވެފައިވާކަމަށް ބުނެ، މިއަދު ޓީޖެޓި ސަރަހައްދަށް ގޮސްފަ އެވެ. ޓީޖެޓީން އެމްޕީއެލްގެ އެއްވެސް އިސްވެރިއަކާއި ބައްދަލު ނުވުމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ދެން މައްސަލަ ކުރިޔަށް ގެންދާނީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށެވެ. އަދި އަންނަ ހަފްތާގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ އިސްވެރިންނާއި އެކީ ބޭއްވި ބައްދަލުވުންތަކުގައި ޓީޖެޓީއަކީ މުހިންމު ތަނެއް ނޫންކަމަށް ބުނެފައިވާކަމަށް ނަރީޝް މީޑިއާތަކަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން ބޭއްވި ބައްދަލުވުމުގައި އެ މަރުހަލާ ކުރިޔަށް ގެންދެވޭނީ ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓާއި އެކު ކުރާ މަޝްވަރާތަކަކުންކަމަށް އަންގާފައިވާ ކަމަށެވެ. ނަރީޝް ވިދާޅުވީ ޓީޖެޓީ އަކީ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭތަނެއްކަމަށާއި ދެ މިނިސްޓްރީ އަކާއި މަޝްވަރާ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މީގެ އިތުރުން ޓިޖެޓީ ހަވާލު ކުރެވެން ނެތްކަމަށް ބުނެ ރައީސުލުޖުމްހޫރިއްޔާގެ އޮފީހުން ފޮނުވީ ބާތިލު ސިޓީއެއްކަމަށް ކައުންސިލް މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ.
މީޑިއާތަކުގައި މި ހަބަރު ކަވަރު ކުރުމުން، އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ ކުންފުންޏާއި ޓީޖެޓީ ހަވާލު ކުރީ 2015 ގައި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އެހެން ކަމުން ކުންފުނި އަތުން ޓީޖެޓި ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށްކަމަށް އޭނާ ވިދާޅުވި އެވެ.
ދާނިޝް ވިދާޅުވީ ތަންފީޒީ އިދާރާއަކުން ޓިޖެޓީ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަން އަންގައިފި ނަމަ، އެގޮތުގެ މަތީން މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ސިޓީ ކައުންސިލާއި ޓީޖެޓީ ހަވާލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން އެނާ ފާހަގަ ކުރެއްވި އެވެ.
އެމްޕީއެލްއިން ވަނީ އެއްބަސްވެފައިވާ ގޮތަށް މެދުކެނޑުމެއް ނެތި ކުންފުނިން މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ބުނެފަ އެވެ.
ޓިޖެޓީ އާއި ނޯތް ހަބާރަކީ މުހިންމު ތަނެއް ނޫންކަމަށް ތަނުގެ އިސްވެރިން ދެންނެވިކަމަށް ބުނެ ނަރީޝް ދެއްކެވި ވާހަކައިގެ ރައްދުގައި ދާނިޝް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ނޯތު ހާބަރާއި ޓީޖެޓީގައި ދޭ ހިދުމަތްތަކަކީ ރެާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ދޯނިތަކާއި ރިސޯޓުތަކުންނާއި އެހެނިހެން ބޭނުމަށް އަންނަ މީހުން ބޭނުން ކުރަމުންދާ މުހިންމު ތަނެއްކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ޓީޖެޓީ ހުންނަ ބިން ހޯދަން ކޯޓަށް ހުށަހެޅިއިރު، މީގެ ކުރިންވެސް އެމްޕީއެލުން ބުނެފައި ވަނީ ޓީޖެޓީ، އެމްޕީއެލްއާ ހަވާލު ކުރި އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައިނުވާ ކަމަށެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓީޖެޓީ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރުގައި ހަތަރު ފަހަރެއްގެ މަތީން އެދުނު ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ޓީޖެޓީ ބެލެހެއްޓުމަށް ސަރުކާރާއެކު އެމްޕީއެލުން ހެދި އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

