ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަކީ ސިޔާސީ ޕަޕެޓެއްކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކާނަލް ނަޝީދު ވަނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށާއި އެޗްޕީއޭގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކާނަލް ނަޝީދު ވިދާޅުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމުންތައް ނިންމަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތަކަށް ކަމަށެވެ. މައިމޫނާއަކީ ރައީސް ސޯލިހު ވިދާޅުވާ ގޮތަކަށް ކަންކުރައްވާ ޕަޕެޓެއްގެ ގޮތުގައި ކާނަލް ނަޝީދު ސިފަކުރެއްވިއެވެ.
އެޗްޕީއޭ ނުވަތަ ޓެގް ޓީމުން ނިންމަވާ ނިންމުންތައް ނިންމަވަނީވެސް ހަމައެކަނި އެބޭފުޅުންގެ މަސްލަހަތައް ބެއްލެވުމަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ. ޓެގް ޓީމުން ނިންމަވާ ނިންމުންތައް ނިންމަނީ ޓެގް ޓީމުގައި ތިއްބަވާ ބޭފުޅުންގެ ވިޔަފާރީގެ މަސްލަހަތަށް ބެއްލެވުމަށްފަހުކަމަށް ކާނަލް ނަޝީދު ވިދާޅުވިއެވެ.
ވިޔާފާރީގެ މަސްލަހަތަށް ބަލައި ގޮތް ނިންމެވުމުގެ އިތުރުން ދެން އެޗްޕީއޭއިން ކުރާ ކަންކަމަކީ ސިޔާސީ ކަންތައްތަކެއްގެ ގޮތުގައި ކާނަލް ސިފަކުރެއްވިއެވެ. އެގޮތުން މިވީހާ ދުވަހު ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނުއިރު ކޮވިޑްގެ ހާލަތު ގޯސްނުވާ ކަމަށާއި އެހެންނަމަވެސް އިންތިހާބާއި ދިމާކޮށް ކުއްލިއަކަށް ކޮވިޑްގެ ހާލަތު ގޯސްވަމުންދާކަމަށް ކާނަލް ވިދާޅުވިއެވެ. އެހެންކަމުން، ކޮވިޑްގެ ސްޓެޓިސްޓިކްސްވެސް ބަދަލުކޮށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އޯޅުވާލާކަމަށް ގަބޫލުކުރެއްވޭކަމަށް ނާޝިދު ވިދާޅުވިއެވެ. މިއީ ސިޔާސީ ބޭނުމަށާއި ބޭރުން ލިބޭ އެހީތައް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި ކާނަލް ސިފަކުރެއްވިއެވެ.
”މަސް މާރުކޭޓަށް ފަންސާސް މީހުންނަށްވުރެ ގިނައިން ވަދެވޭ. ސިޔާސީ ކަންކަމަށް ފަންސާސް މީހުންނަށްވުރެ ގިނައިން ނުވަދެވޭ. މައިގަނޑު ގޮތެއްގައި މިސިޔާސަތުތައް ނިމޭނީ މިސްކިތްތައް ބަންދުކުރުމާއި ހަމައިން“ ކާނަލް ނަޝީދު
މީގެ އިތުރުން ކާނަލް ނަޝިދު ވިދާޅުވީ ރޯދަ މަހާއި ހަމައަށް އަންނައިރު ކޮވިޑްގެ އަދަދުތައް އިންތިހާއަށް މަތިވާނެ ކަމަށެވެ. އަދި ރޭއަޅުކަން ކުރުމަށް އެފުރުސަތުވެސް ނުދީ، މިސްކިތްތައް ބަންދުކުރާނެކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ރޭވިގެން ލާދީނީ ވިސްނުންތަކެއްގައި ހިނގާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ކާނަލް ނަޝީދު ވިދާޅުވީ ދިވެހިންނަކީ ވިސްނޭ ބައެއް ކަމަށާއި އާބާދީގެ 70 އިންސައްތައަށްވުރެ ބޮޑު އަދަދަކަށް ވެކްސިންވެސް ދެވިފައިވާ ކަމަށެވެ. ލައްކައަކަށްވުރެ ގިނަ މީހުންނަށް ޖުމްލަ ގޮތެއްގައި ކޮވިޑް ޖެހިފައިވާއިރު މިހާރު މިއޮތީ ހާރޑް އިމިޔުނިޓީއަކަށް އާދެވިފައިވާ ކަމަށް ކާނަލް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުންގެ ކިޔެވުމުން މަހްރޫމްކުރުވައި ހަފްތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ސްކޫލަށް ފޮނުވާ އުސޫލެއް އާންމުކުރުމުގެ ބޭނުމެއް ނެތް ކަމަށް ކާނަލް ވިދާޅުވިއެވެ. މިއީވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ކަންކަން ސިޔާސީވެފައިވާކަން ހާމަވާކަމެއްގެ ގޮތުގައި ކާނަލް ފާހަގަކުރެއްވިއެވެ.
ކާނަލް ވިދާޅުވީ ވެކްސިން ޖެހުމާއި ބޫސްޓަރ ޑޯޒް ޖެހުމަށް އަދިވެސް ތާއީދުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިސިޔާސަތުތައް ކަނޑައެޅިގެން އަންނަ ގޮތާއިމެދު ވިސްނާލުން މުހިންމުކަމަށް ކާނަލް ވިދާޅުވިއެވެ. އެގޮތުން ސިޔާސަތުތައް ކަނޑައަޅެނީ ވެކްސިނާއި ޕީސީއާރު ޓެސްޓުތައް ވިއްކޭނެ ގޮތްގޮތަށްކަމަށް ކާނަލް ވިދާޅުވިއެވެ. ރައްޔިތުންނަށް ދަތިވާ ގޮތްގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި ސަރުކާރުން ޖެހޭނީ ރައްޔިތުންނަށް ކަންކަން ލުއިފަސޭހަ ކޮށްދޭންކަމަށް ކާނަލް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑްއަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު މިވަގުތު 1500 އާއި ގާތްވަމުންދާއިރު، އަދި މިހާތަނަށް ފިޔަވަޅުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިވަގުތު ރާއްޖޭގެ ކޮވިޑް ހާލަތު ރެޑް އެލާޓަށް ބަދަލުކޮށްފައިވާއިރު ސަރުކާރުންނާއި އެޗްޕީއޭއިން ގެންގުޅޭ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

