ބޭސްފަރުވާގެ ނުދޭ ހިދުމަތަކަށް އާސަންދައިން ބިލު ކުރި މައްސަލައެއްގައި ދެ ކްލިނިކެއް ސަސްޕެންޑުކޮށްފި އެވެ.
ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިއާ ވިދާޅުވީ، މިކަން ހާމަވީ މެސެޖު ނޮޓިފިކޭޝަނަކުން ކަމަށެވެ. މިއީ ސީރިއަސް މައްސަލައެއްކަން ފާހަގަކޮށް ޒީނިއާ ވިދާޅުވީ، އާއްމުކޮށް އާސަންދަ އާއި ހަމައަށް އަންނަ ޝަކުވާތަކުގެ ތެރޭގައި ފަހަކަށް އައިސް އެ މީހަކު ހޯދާފައި ނުވާ ހިދުމަތަކަށް ބިލް ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު ދެ ކްލިނިކެއް ސަސްޕެންޑުކޮށް، އެހެން ބައެއް މައްސަލަތަކެއްގެ ތަހުގީގު ކުރިޔަށްދާކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އާއްމުކޮށް ދިމާވާ މައްސަލައެއްގެ ގޮތުގައި ދެން ޒީނިއާ ފާހަގަ ކުރެވީ އާސަންދައި ކަވަރު ނުކުރާ ބައެއް ހިދުމަތްތައް ނުވަތަ ބޭސްތަކަށް ބޮޑު އަގުތައް ނެގުމަށް ފަހު ހަމަ އެ އަދަދު އާސަންދައިގެ އެހެން ހިދުމަތެއްގެ ގޮތުގައި ސިސްޓަމަށް އަޕްޑޭޓު ކުރުމެވެ. މިގޮތަށް އަމަލު ކުރާ ބައެއް ތަންތަނުން ހިދުމަތުގެ ދެ ގުނައިން އެ މީހަކު ހިދުމަތް ހޯދިކަމަށް ހިމަނާކަން ވެސް ޒީނިޔާ ފާހަގަކުރެއްވި އެވެ. މީގެ ކުރިން އާއްމުންގެ މީހަކަށް އެކަން ނޭނގުނު ނަމަވެސް މިހާރު އެކަން އެނގޭ ގޮތަކީ އާސަންދައިގެ ހިދުމަތެއް އެ މީހަކު ހޯދުމުން އަމިއްލަ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް ނޮޓިފިކޭޝަން މެސެޖެއް އައުމެވެ. މި މެސެޖުގައި އެ މީހަކު ހިދުމަތް ހޯދި ތާރީހާއި، އޭގެ އަގު ހިމަނާފައި ހުރެ އެވެ.
ޒީނިޔާ ވަނީ އާސަންދައަށް ލިބުނު ބައެއް ޝަކުވާތަކުގެ ތަފްސީލުތައް ވެސް ދެއްވާފަ އެވެ. އެގޮތުން މިދިޔަ މަހު ލިބުނު ޝަކުވާގެ 15 އިންސައްތައަކީ ނުހޯދާ ހިދުމަތަކަށް ބިލު ކުރި މައްސަލަތަކެވެ. ހިދުމަތްތަކުގެ ނޮޓިފިކޭޝަން ފޯނަށް ލިބޭ ގޮތް ތައާރަފު ކުރިފަހުން މިވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި 325 މީހެއްގެ ފަރާތުން ޝަކުވާ ލިބުނުކަން ފާހަގަކޮށް ޒީނިޔާ ވިދާޅުވީ 10 ޕަސެންޓް މީހުންގެ ޝަކުވާއަކީ އެމީހުންގެ އެމީހުންގެ ފޯނު ނަމްބަރަށް ނޮޓިފިކޭޝަން ނުލިބޭ މައްސަލަ ކަމަށެވެ. އަދި ބައެއް މީހުންގެ ފޯނަށް އެއް ދުވަސް ނުވަތަ ދުވަހުގެ މާ ފަހުގެ ގަޑިއެއްގައި މެސެޖު ލިބުނުކަމުގެ ކަމުގެ ޝަކުވާ ލިބިފައިވާކަމަށް ޒީނިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން ޒީނިޔާ ވިދާޅުވީ ސަސްޕެންޑު ކުރި ކްލިނިކްތަކުން އާސަންދައިގައި ހިމެނި ބައެއް ބަލި މީހުންނަށް ގުޅައި އެ މީހުން ހޯދި ހިދުމަތުގެ ތަފްސީލު ހޯދުމުގެ މަސަައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ނޫން ވެސް އިތުރު ބައެއް މައްސަލަތަކެއް ކްލިނިކުން ފާހަގަވީތޯ ތަހުގީގު ކުރަމުން އަންކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެހެންކަމުން އެގޮތަށް އާސަންދައިން ގުޅައިފި ހާލަތެއްގައި ބޭނުންވާ ލިޔުންތައް ފޯރުކޮށްދީ، އެއްބާރުލުން ދިނުމަށް ޒީނިޔާ އެދިވަޑައިގެންނެވި އެވެ.
ޒީނިޔާ ވަނީ ކްލިނިކެއް، ނުވަތަ ބޭސްފިހާރައަކުން ހޯދާ ހިދުމަތަކުން އެފަދަކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އާސަންދައިގެ ހޮޓްލައިން 1400 އަށް ގުޅައި އެކަން ވީހާވެސް އަވަހަށް ރިޕޯޓު ކުރުމަށް އެދިފަ އެވެ.

