މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މައިނޯރިޓީ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބޯއިކޮޓްކޮށްފިއެވެ.
މަޖިލީހުގެ އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ. މިޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވާނެއެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާ ބޯއިކޮޓްކޮށްފައިވާކަން ހާމަކޮށް ޕާޓީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަނީ އިންތިޙާއަށް އިތުރުވެފައިކަމަށެވެ. އެގޮތުން ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ރައީސް ޔާމީންގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށްދަނީ މަސައްކަތް ކުރަމުންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުންވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ހަމައެއާއެކު އިންތިޚާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ކަމަށާއި މިހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަންވެސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައިކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ބަޔާނުގައި ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން އޭސީސީ ވަނީ ހައިޖެކް ކޮށްފައިކަމަށް ތުހުމަތުކޮށްފައެވެ. ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ޚުދު މުޚުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއްކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވަމުންދާކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާޢީ ދައުވާކޮށް ޖަލަށްލުމަށް ޤާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއްކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކާއި ދެކޮޅު ކަމަށާއި އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާކަމަށް ޕާޓީއިން ބުނެއެވެ.
ޕާޓީއިން ވަނީ މިއަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓު ފާސްކުރުމަށް ވޯޓު ނެގި ދުވަހު ބަޖެޓާއި ދެކޮޅަށްވެސް ވޯޓު ދީފައެވެ. ޕާޓީއިން މިއަހަރުގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޯއިކޮޓްކޮށްފައިވާއިރު މިވަގުތުވެސް އިދިކޮޅުގެ ގިނަ މެމްބަރުން ތިއްބެނީ މިމަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އެދާއިރާގެ ރަށްތަކުގައެވެ.

