މަސް ގަންނަ އަދަދު ކޮންޓްރޯލް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މި އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއިރު، ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 41 މެމްބަރުން ވޯޓު ދެއްވިއެވެ.
ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދުވަސްވަރު ރަނގަޅަށް މަސްބާނަމުން އަންނައިރު މަސް ކިރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އާމްދަނީ ނުލިބި މަސްވެރި އާއިލާތައް ހާލުގައި ވާކަމަށެވެ. އަދި މިދުވަސްވަރު ޑީސަލްގެ އަގު ބޮޑުވެ ޑީސަލް ލިބުން ދަތިވެފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ވެސް ނުފުއްދޭކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

