މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ބިރާއި ނުރަށްކަލަކީ ”ޑިވައިޑް އެންޑް ރޫލް“ ނުވަތަ ބައިބައި ކޮށްގެން ބާރު ހޯދަން އުޅޭ އުޅުންކަމަށް އެމްޑީޕީގެ ޗެއާރ ޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ”ތިލަފަތުގެ ރަމްޒު“ ކެމްޕެއިންގެ ފަރާތުން ބޭއްވި ބައްދުލުވުމެއްގައި އިންތި ވިދާޅުވީ، ބައިބައިކޮށްގެން ބާރުހޯދުމަށް މަސައްކަތްތަކެއް ކުރާކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. އަދި މި އުސޫލަށް އަމަލުތައް ބައްޓަންވެފައި ތިބި މީހުން މަސަތްކަތް ކުރަނީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ގެއްލުވާލަންކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ވާހަކަދައްކަމުން އިންތި ވިދާޅުވީ އެމްޑީޕީއަކީ މުޅި ރާއްޖޭގެ ރައްޔިތުން އެންމެ އިތުބާރާއި އުންމީދުތައް ގުޅިފައިވާ ފާޓީކަމަށެވެ. އަދި އިންތިގެ އިތުރުން ޗެއާރ ޕާސަންކަމަށް ވާދަކުރަށްވާ ކެންޑިޑޭޓް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި ”ހިންގާލަން“ ޓީމުން އަމަލު ކުރަމުން ދާގޮތުން ޕާޓީގެ ޖޯށު ކެންޑި، ބައިބައިވެ، އުއްމީދުތައް ކުޑަވެގެންދާކަމަށެވެ.
އެމްޑީޕީގެ މިވީ 17 އަހަރުގެ ތާރީހުގައި ވަޒީރަކަށް ވޯޓު ނުދީގެން ރަށެއް ފަޅުވެދާނެކަމަށް ބުނެ ގޮސް ޕާޓީގެ މެމްބަރުން ވާހަކަ ދައްކަފާނެކަމަށް ދުވަހަކު ވެސް ހިތަށް ނާރާކަމަށް އިންތި ވިދާޅުވި އެވެ. އިންތިހާބެއް ކާމިޔާބު ކުރުމުގެ ބޭނުމުގައި މިހާ ބޮޑަށް ބާރާއި ނުފޫޒު ބޭނުންކޮށް ޕާޓީގެ އަސްލު ގެއްލުވާލާނެ ބަޔަކު އުފެދިދާނެކަމަށް ދުވަހަކު ވެސް ހިތަށް ނާރާކަމަށް އޭނާ ވިދާޅުވި އެވެ.
”ކާކުތޯ ހިތައް އަރާނީ އެސްއެމްއީ ލޯނަކަށް ނުވަތަ ކޯޓާއަކަށް އެދެފިއްޔާ ތިޔަބޭފުޅުން ތާއީދުކުރާ މީހަކަށް ތާއީދު. ހިތުގައި އޮތް ތާއީދު ހާމަކޮށްލުމަށް ބިރުގަންނަ ހާލަތަށް މި ވިސްނުމަށް ގެންގޮސް މި ޕާޓީ އެ މިސްރާބަށް ގެންދާނެ ކަމަށް. މިއަދުގެ ހާލަތަކީ މިއީ“ އިންތި
މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ”ހިންގާލަން“ ކެމްޕެއިން ޓީމްގެ ފަރާތުން، ވަޒީފާއިން ކަނޑަލުން، ލޯނު ނުލިބުން މިފަދަ ބިރުތައް ދެއްކުމުގެ އިތުރުން އިންތިހާބާއި ގާތްކޮށް ވަކިބަޔަކަށް ހެޔޮ ގޮތްތައް ފަހިކޮށްދެމުންދާކަަމަށް އިންތި ތުހުމަތު ކުރެއްވި އެވެ.
ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަ ދައްކަމުން އިންތި ވިދާޅުވީ އެފަދަ ”ބާތިލު“ ވެފައިވާ ގޮތްތަކަށް އެމްޑީޕީގައި ޖާގަ ނެތްކަމަށެވެ. އަދި ވާދަވެރިކަމުގައި އޭނާއާއި ގާތް ވެސް ނުކުރެވޭނެކަމަށާއި އަނެއް ކެންޑިޑޭޓްއަކީ ނުފޫޒު ފޯރުވުން ފަދަ ކަންކަން ނޫން އެއްވެސް ކަމަކަށް އަރާހުރި މީހެއް ނޫންކަމަށެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ ވާދަވެރިންނަކީ އެއްވެސް ހާއްސަ ސިފައެއް ލިބިގެންވާ ބައެއް ނޫންކަމަށެވެ. އަދި މިއިންތިހާބުގައި ޗެއަރ ޕާސަންގެ މަގާމަށް ވޯޓު ދޭންވީ ކޮން ކެނޑިޑޭޓަކަށްކަން އެމްޑީޕީގެ މެމްބަރުންނަށް ސާފުވާނެ ކަމަށެވެ.
“އަޅުގަނޑުމެންނަކާ ގާތްވެސް ނުކުރެވޭނެ އަޅުގަނޑުމެންގެ ވާދަވެރިންނަކާ.” އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އެއުޅެނީ ވަޒީރު ކަމުގެ ދޮޅު އަހަރަށް ޗެއާޕާސަނެއް ހޮވަން ނޫން ކަމަށެވެ. އެއީ އެމްޑީޕީއަށް ބޭނުންވާ ޗެއާޕާސަނަކު ހޮވާ އިންތިހާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތި ގަމަށް ވަޑައިގަތުމުން ކެމްޕެއިން ޓީމަށް ވަނީ ގަމުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

