އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން ”މަދިރި ހޯހޯ“ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މި ކެމްޕޭން އިފްތިތާޙް ކޮށްދެއްވަމުން މާލެ ސިޓީގެ މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފައެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށެވެ.
”ސަރުކާރުގެ މުއައްސަސާތައް ނުވަތަ ސްކޫލް ތަކާއި، ޕޮލިސް އެމްއެންޑީއެފް، މިތަންތަތުން އެކަނި ނުކުމެ މިހެން ފާހަގަކޮށްލެވޭ ދުވަހެއްގެ ވަގުތުކޮޅެއްގައި ސާފުކޮށްލުމަކުން މިކަން ނުވާނެ“
މީގެ އިތުރުން މޭޔަރު ވަނީ ސާފުތާހިރުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

