ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާޑުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގާއިމު ކުރުމަށް ނިންމާފައިވާ ގޮދަން ފުށުގެ ކާރުހާނާގެ މަސައްކަތް ހދ. ކުޅުދުއްފުށީގައި ކުރިޔަށް ގެންދިއުމަށް ނިންމީ އެ ރަށުގައި ރަނގަޅު ޕޯޓެއް އޮތުމުންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރޭ ކްރޮސްރޯޑްސްގައި ކުރިޔަށް ގެންދިޔަ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ އެކި މަސައްކަތްތަކާއި ބެހޭ ގޮތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނުގައި އަމްރު ވަނީ ”ގޮދަން މައިލް“ ގެ މަޝްރޫއުގެ ތަފްސީލުތައް ދެއްވާފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއި، ރާއްޖޭގައި އެފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރުމުގެ މުހިންމުކަން އެންމެ ބޮޑަށް އިހުސާސް ކުރެވުނީ ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރެއިންކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތައް ބަންދުވުމާއި އެކު ރޯދަ މަހުގެ ދުވަސްތައް ހޭދަ ކުރަން ޖެހުނީ އެކި ގައުމުތަކުން ކާބޯތަކެތި ގެންނާނެ މަގެއް ހޯދުމަށްކަމަށެވެ.
ކޮވިޑަށް ފަހު އަނެއްކާވެސް އިގްތިސާދަށް ލޮޅުން ގެނުވީ ރަޝިއާ ޔުކްރެއިންގެ ހަނގުރާމައިންކަމަށް އަމްރު ވިދާޅުވި އެވެ. އެހެންވެ އެ ލޮޅުމުގެ އަސަރުތައް އަޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތެއް ކުރާނަމަ، ކާބޯތަކެތީ ބާވަތްތަކުގެ ތެރެއިން ފުށަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓޭނެ އެއްޗެއް ނޫންކަމަށް އަމްރު ވިދާޅުވި އެވެ.
”އަޅުގަނޑުމެން އެބަ ޖެހޭ އެހެން ގޮތެއް ހޯދަން، އަޅުގަނޑުމެން ވިސްނީ ގޮދަން ރާއްޖެއަށް އެތެރެ ކުރަން.. ގޮދަން އެތެރެކޮށްފި ނަމަ އެއަށް ވުރެ ގިނަ ދުވަހު އެބަ ބެހެއްޓޭ“ އަމްރު
އެކަމަށް ކުޅުދުއްފުށިން ބިމެއް ލިބިފައިވާކަން އަމްރު ރޭ އިއުލާނު ކުރެއްވި އެވެ. ފުލް ޕްރެޒެންޓޭޝަނަށް ފަހު، ހުޅުވާލު ފުރުސަތުގައި ހިއްސާދާރަކު ވަނީ، މާލޭގެ ސަރަހައްދުގައި މިކަން ކުރިޔަށް ނުގެންދިޔަ ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި މިއީ ލޮޖިސްޓިކަލީ ބެލި ނަމަވެސް ބުރަ މަސައްކަތެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، ކުޅުދުއްފުޓަށް ގޮދަން ގެންދިއުން އުނދަގޫ ވާނެކަމަށެވެ.
ހިއްސާދާރުގެ ސުވާލަކަށް ވީ، މާލޭގެ ސަރަހައްދުގައި ކާށިދޫ ފަދަ ރަށެއް އޮވައި ރާއްޖޭގެ އެންމެ އުތުރުގައި މި މަސައްކަތް ކުރަން ނިންމި ސަބަބާއި މެދު އެވެ. އަދި ހަރަދު ބޮޑު ގޮތްތަކެއްގެ ތެރެއިން ކުޅުދުއްފުށީގައި މި މަސައްކަތް ކުރާނަމަ ކުންފުންޏަށް އޮތް ފައިދާއަކީ ކޮބައިތޯ ސުވާލު ކުރެއްވި އެވެ.
”ތިބޭފުޅުން ގޮދަން ދިވެހިރާއްޖެއަށް އެތެރެކުރައްވައިގެން، ގޮދަން މިލް ތައްޔާރު މި ކުރައްވަނީ ކުޅުދުއްފުށީގައި.. ވަރަށް ދުރު ދެއްތޮ… ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެއީ އެހެން ނޫންތޯ… ދެން އެހެންވެ އަޅުގަނޑު ހިތަށް އަރަނީ ދަތުރުވެސް ބޮޑޭ، އެހެންވީމަ ހަރަދުތައް ވެސް ބޮޑު ވެދާނޭ.. ދެން ކައިރީގައި މިއޮތީ އަޅުގަނޑުމެން ވިސްނާލާއިރު ކާށިދޫ.. ކޮބައިތޯ ކާށިދޫގައި އެ މަސައްކަތް ނުކުރި ސަބަބަކީ، ކުޅުދުއްފުށިން އޮތް ފައިދާއަކީ ކޮބައިތޯ“ ހިއްސާދާރަކު ސުވަލު ކުރެއްވި އެވެ.
ޖަވާބުގައި އަމްރު ވިދާޅުވީ ގޮދަން ގެނެސް، މަސައްކަތް ކުރަން މާލޭގެ ސަރަހައްދުން ވެސް ރަނގަޅު ސަރަހައްދެއް ލިބޭތޯ ބެލާފައިވާނެކަމަށެވެ. ނަމަވެސް ގޮދަން ގެނެސް ސައިލޯއަކަށް އޮއްސާލާއިރު ކައިރީގައި ޕޯޓެއް އޮތުން މުހިންމުކަމަށް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މިލް ހުންނަން ޖެހެނީ ޕޯޓަކާއި ޖެހިގެންކަމަށާއި، އެއީ ބޮޑެތި އާގުބޯޓުތަކަށް ކައިރި ކުރެވޭ ތަނަކަށް ވުން މުހިންމުކަމަށެވެ. ޓްރަކުތަކެއްގައި އެ އުފުލުން އެއީ ވަރަށް ހަރަދު ބޮޑު މަސައްކަތެއްކަމަށާއި، އަދި މާލެ ސަރަހައްދުގެ ޕޯޓު ކައިރިން އެއްވެސް ޖާގައެއް ނުލިބުނުކަމަށް އަމްރު ވިދާޅުވި އެވެ.
”ދެން މާލެ ކައިރިން ނެތް އިނގޭތޯ ޖާގައެއް، މިކަމަށް ބޭނުންވާ ޖާގައެއް ޕޯޓެއް ކައިރިން.. ދެން އަޅުގަނޑުމެން ދެން މީގެއިން ނެގީ އިތުރު އޮޕަޗިއުނިޓީއެއް ހޯދަން.. ދެން އަޅުގަނޑުމެން އަބަދުވެސް މިކިޔަނީ މާލޭގެ ސަރަހައްދަށް ހުރިހާ ކަމެއް ޖަމާ ނުކުރަން.. އަޅުގަނޑުމެން ބެލިއިރު ކުޅުދުއްފުށީގައި މިހާރު ވެސް އެބަހުރި ޕޯޓެއް.. އަދި މިހާރުވެސް އެބައިން ރާވާފައި ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ކުރިޔަށް އެބަގެންދޭ ވަރުގަދަ ޕޯޓެއް އެތަނުގައި އަޅަން.. އެތަނުގެ ކުރިމަތިން އެބައޮތް ވަރަށް ބޮޑު ޖާގައެއް، ބޮޑު ލޭންޑެއް. ސީދާ ހީވީ ހަމަ މިކަމަށް އޮތްތަނެއް ހެން“ އަމްރު
އަމްރު ވިދާޅުވީ ކުޅުދުއްފުށީގެ ޕޯޓު ކައިރީ އޮތް ބިމަކީ ގޮދަން ބޭލުމަށް އެންމެ ރަނގަޅު ތަނަށް ވާނެކަމަށެވެ. ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ހިނގި ނަމަވެސް، އެ އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް އަމްރު ވިދާޅުވި އެވެ.
”އެހެންވީމަ އެންމެ މުހިންމުކަމަކީ އެ މަސައްކަތް ބަނދަރެއް ކައިރިން ކުރުން“ އަމްރު
ގޮދަންފުށުގެ ކާރުހާނާ ކުޅުދުއްފުށީގައި ގާއިމު ކުރުމަށް ކުންފުނިން ނިންމި އިތުރު ސަބަބެއްގެ ގޮތުގައި އަމްރު ވިދާޅުވީ އެއީ އުތުރުގެ ވިޔަފާރިއާއި ގުޅޭ މައި ހަބުކަމަށް ވެފައި އެ ސަހަރައްދުގައި ކާރުހާނާއެއް ހިންގުމަށް ފަސޭހަތަކެއް ހުރުމެވެ.
ކުޅުދުއްފުށީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާވޭއެއްގެ މަސައްކަތް ނިމި، ފަނޑު ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯއިން ގޮދަންފުށުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ބޭރުން ގޮދަން އެތެރެކޮށް ކާރުހާނާގައި އެ ޕްރޮސެސްކޮށް ތައްޔާރު ކުރާ ގޮތަށެވެ.

