ޑޮލަރުގެ އަގު މައްޗަށް ދަނީ މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ސަރުކާރަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދަޅުވީ, ”ސަންގު“ އާއި ”އަދަދު“ ނޫސް ގުޅިގެން ކުރިޔަށް ގެންދާ ޑޮލަރު ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޕެނަލް ބައްދަލުވުމުގައި އަމްރު ވިދާޅުވީ, ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު ޔުކްރޭނު ހަނގުރާމައިގެ ތެރޭގައާއި އަދި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމުގައިވާ ކޮވިޑްގެ ވަބާގެ ތެރޭގައިވެސް އެމްޑީޕީގެ ވެރިކަމުގައި ކަންކަން ދުރާލާ ރާވައި މެނޭޖްކުރެވުނު ކަމަށެވެ.
އަމްރު ވިދާޅުވީ ކޮވިޑް ތެރޭގައި ރާއްޖެއަށް އެއްވެސް ވަރަކަށް ފަތުރުވެރިން ނައިސް ދެމަހެއްހާ ދުވަސް ވެގެން ގޮސް ރާއްޖެއަށް އެއްކޮށް ޑޮލަރު އައުން ހުއްޓުނުކަމަށާއި އެ ދުވަސްވަރު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް ރާއްޖެއަށް ފެތުރުމުގެ ކުރިން އެކަމާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ތައްޔާރުވިކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތެލަށް ކެރެޑިޓަށް ފައިސާ ދައްކަން އޮންނަ ތިންމަސް ދުވަސް 6 މަސް ދުވަހަށް ދަންމާލާ އަދި ފައިނޭންސިން ފެސިލިޓީވެސް ފުރަތަމަ ހަ މަސް ދުވަހަށް ދަންމާލައި އަދި އޭގެ ފަހުން ޔުކްރޭނު ހަނގުރާމައާ ގުޅިގެން ފައިނޭންސިންގ ފެސިލިޓީ ނުވަ މަހަށް ދަންމާލިކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން ރާއްޖެއަށް ޑޮލަރުގެ ތާށިކަން އައިސް ޑޮލަރުގެ އަގުމައްޗަށް ގޮސް ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީ ހަނގުރާމައޭ ކިޔައި ދައްކާ ވާހަކަ ދެކޮޅުނުޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
”މީގަ އަޅުގަނޑު ކަންބޮޑުވާކަމަކީ ފަސޭހައިން ދެއްކެން އޮއްވަ ޔޫކްރެއިން ހަނގުރާމައިގައި 150 ޑޮލަރަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެރި. އެކަމަކު ހަނގުރާމައެކޭ ކިޔާފަ މިހާރަކު ނެތް އެ އުޒުރު ދެއްކޭކަށް ސަރުކާރަކަށް. އެއީ މިހާރު އިރާނު އެމެރިކާ ހަނގުރާމާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދިޔައީ 100 އަށް. މިހާރު އެހެރީ 80ގަ. އެހެންވީމަ މީކީ މާބޮޑު ކަންބޮޑުވުމެއްއޮތް ކަމެއް ނޫން،“ އަމްރު
އަމްރު ވިދާޅުވީ, ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ބަދަލުތަކެއް އައިކަމުގައި ވިޔަސް އެއަގު މާގިނަ ދުވަހަކު އެއްވަރެއްގައި ނުހުރެ ހަނގުރާމަ ހުއްޓާލަނީއޭ ބުންޏަސް ތެލުގެ އަގު ތިރިވާކަމަށެވެ. އެހެންކަމުން ޑޮލަރު ނުލިބެނީ މެދުއިރުމަތީގެ ހަނގުރަމައޭ ކިޔާ މިއަދު ސަރުކާރަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

