ދިވެހި ރާއްޖެގެ ފުރަތަމަ ޖައްވީ މިޝަންއަށް ތައްޔާރުވާން ފަށައިފިއެވެ.
އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް(އައިޖީއެސް)އިން، އެޗްޑީސީގެ އެއްބާރުލުމުގެ ދަށުން ކުރިއަށްގެންދާ ދިވެހި ރާއްޖެގެ ފުރަތަމަ އަދި ތާރީހީ ޖައްވީ މިޝަންގެ މައިގަނޑު މަގަސަދަކީ ރާއްޖޭގައި އުފައްދާ ފުރަތަމަ ޕްރޮޓޯ ޓައިޕް ސެޓަލައިޓް ހަދާ ޓެސްޓު ކުރުންކަމަށް އެޗްޑީސީން އާންމުކުރި ވީޑިއޯއެއްގައި އައިޖީއެސްގެ ސީއީއޯ ރިފްއަތް މުހައްމަދު ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގައި ޖައްވީ މިޝަންއަކަށް ތައްޔާރު ކުރާ ފުރަތަމަ ސެޓަލައިޓުން ކުރާނެ މަސައްކަތަކީ، ދުނިޔެ ހޫނުވުމާއި ގުޅުން ހުރި މައުލޫމާތު، އަދި މޫސުމީ ބަދަލުތަކާއި ގުޅުންހުރި މައުލޫމާތު އެއްކުރުންކަމަށްވެސް ރިފްއަތު ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެގެންދާނެ މި މިޝަންއާއި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ރިފްއަތު ވިދާޅުވީ، މި މަސައްކަތަކީ، ދިވެހި ރާއްޖެއާއި، ވަރަށް ގުޅުންހުރި މަސައްކަތެއްކަމަށެވެ. އަދި މުސްތަގުބަލަށްވެސް މި މަސައްކަތްތައް މުހިންމު ކަމަށް ފާހަގަކުރައްވާ ރިފްއަތު ވިދާޅުވީ، މިކަމަކީ ކުރިމަގަށް މުހިންމު ދާއިރާއެއްގެ މައުލޫމާތުތައް އެއްކުރުމަށް ހިންގާ ކަމެއްކަމަށެވެ.
މި ޖައްވީ މިޝަންގެ ސަބަބުން، ބައިނަލްއަގުވާމީ، މުޖުތަމައުގައިވެސް ދިވެހި ރާއްޖޭގެ ހައިބަތު އިތުރަށް އުފުލިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ބްރޭންޑް އިމޭޖްވެސް ރަނގަޅުވެގެންދާނެކަމަށްވެސް ރިފްއަތު ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖޭގެ އެންމެ ތާރީހީ އެއް މަސައްކަތަށް ވެގެންދާނެ، ޖައްވީ މިޝަންއާއި މެދު އިތުރަށް މައުލޫމާތު ދެއްވަމުން ރިފްއަތު ވިދާޅުވީ، މި މަސައްކަތުން ހާސިލް ކުރަން ބޭނުންވާ ލަނޑިދަނޑުތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ މައިދާނުގައި، ދިވެހި ޒުވާނުންނަކީވެސް ބޮޑެތި މަސައްކަތްތަކަށް ކުރިމަތިލާ، އެކަންކަން ކާމިޔާބު ކުރެވޭނެ ބައެއްކަން ސާބިތުކޮށްދިނުންވެސް ހިމެނޭކަމަށެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ، ޖައްވީ މިޝަންގެ މަސައްކަތްތަކުގައި ހިމެނޭ ޒުވާނުންގެ ޓީމަކީ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގާބިލު އިލްމުވެރި މީހުންކަމަށެވެ.

