މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން ވަގުތުން އިސްތިއުފާ ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައި އެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެކިއެކި ފާހިޝް އަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ، އަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން އެފަދަ އަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާމެދު އެކަށޭނަ ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
އެމްއާރުއެމްގެ ބަޔާނުގައި ވަނީ އެފަދަ ފަރާތްތައް ދައުލަތުގެ މަގާމުތަކާއި ޒިންމާތަކުން އެކަހެރިވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި ސިޔާސީ ޕާޓީތަކާމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ވެސް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލް، ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވަރަށް ސާފުކޮށް ފެންނަ ވީޑިއޯއެއްގެ އިތުރުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ޓްވިޓާގައި ވަނީ އާއްމު ކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ އަނދުން ހުސައިން ކަމަށް ބެލެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.
އަނދުން ހުސެއިން ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއް ލީކު ކޮށްލާފައިވާއިރު، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ނަޝީދު (ކާނަލް)ގެ ފޮޓޯއެއް ވެސް ވަނީ އާއްމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ މާސްކެއް އަޅައިގެން ނަޝީދު ކޮޓަރިއަކަށް ވަންނަނިކޮށެވެ. އެވަގުތު ކޮޓަރި ތެރޭގައި ނާޒިމް ސައްތާރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބެލެވޭ ބިދޭސީ މީހާ ވެސް ހުރެއެވެ.
މި ފޮޓޯއިން ފެންނަނީ ކާނަލް ކަމަށް އެއްބަސްވުމަށްފަހު، ވިދާޅުވީ އެމީހާއާއެކު ޖިންސީ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރީގެ ބައްދަލުވުކަމަށް ކަމަށް ބުނެ އެތައް ފަހަރަކު ގުޅައިގެންކަމަށެވެ.
ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފަށައިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ދެނެގަނެވިފައިވާ ކަމަށާއި އަދި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ މިދިޔަ މާޗް މަހުން ފެށިގެންނެވެ.

